
ކައްދޫ އެއާޕޯޓް ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ގިނަވަގެން ތިން އަހަރުގެ ތެރޭގައި ނިންމާނަން!
# ރައީސް މުއިއްޒު-
ހައްދުންމަތީ ކައްދޫ އެއާޕޯޓް، ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ގިނަވަގެން ތިން އަހަރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަންދެއްވީ، ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ފޮނަދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ފޮނަދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކައްދޫ އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމަޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއާއި ހަވާލުކުރެއްވުން ހިމެނެއެވެ.
އެ މަޝްރޫޢުގެ ތަފްޞީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއާޕޯޓްގައި 2800 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރެއްވުމަށް ބޭނުންވާ 114 ހެކްޓަރުގެ ބިންހިއްކާ، ރަށަށް ބޭނުންވާ 30 ހެކްޓަރުގެ ބިމާއެކު ޖުމުލަ 144 ހެކްޓަރުގެ ބިން މި މަޝްރޫޢުގެ ދަށުން ހިއްކާނެ ކަމަށެވެ. މި ދެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމައި، އެއާޕޯޓްގެ މަސައްކަތް ގިނަވެގެން 36 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާ ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާނީ މިހާރު ކައްދޫގައި ހުރި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްގެ މަރުކަޒު ބަދަލުކުރަން ނުޖެހޭގޮތަށް ކަމަށެވެ.
ކައްދޫ އެއާޕޯޓަކީ ފަތުރުވެރިކަމާއި، ތަޢުލީމާއި، ސަރަހައްދީ ތަރައްޤީއަށްޓަކައި، ފޮނަދޫގައި ކުރިއަށް ގެންދަވާ ހުރިހާ މަޝްރޫޢުތަކަށް މުހިއްމު މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ފޮނަދޫގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ އެއްބަސްވުމާއި، ފޮނަދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލޭންގުއެޖް ސްކޫލް އިމާރާތްކުރުމުގެ މަޝްރޫޢާއި، ފޮނަދޫގައި އޮފީސް ކޮމްޕްލެކްސް އެއް އިމާރާތްކުރުމުގެ މަޝްރޫޢާއި، ފޮނަދޫ ބަނދަރު ހެދުމުގެ މަޝްރޫޢާއި، ފޮނަދޫ މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ އިތުރުން ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.
މި މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއިން ކޮންމެ މަޝްރޫޢަކުން ރަށުގެ އިތުރުން މުޅި އަތޮޅާއި ސަރަހައްދުގެ ހުރިހާ ރަށަކަށް އެކަމުގެ ފައިދާ ލިބިގެންދާނެކަމަށެވެ. އެގޮތުން ލެންގުއެޖް ސްކޫލުން ޓޫރިޒަމަށް ޚާއްޞަކޮށްގެން ތަފާތު ބަސްތައް ކިޔަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.ސްޕޯޓްސް ކޮމްޕްލެކްސް ހަދާނީ 1200 މީހުންނަށް ތިބެވޭނެ ޖާގައާއި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، މާލޭގައި ހުންނަ ސޯޝަލް ސެންޓަރު ހުންނަ ފެންވަރަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއި އެކު މަގުހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހި ނިމިގެންދާއިރު ރަށުގެ ހުރިހާ މަގެއް ހެދޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން ފޮނަދޫގައި އައްސޭރި ޓޫރިޒަމް އަދި އިކޯ ޓޫރިޒަމް ކުރިއެރުވުމަށް، މަސައްކަތް ކުރިއަށް ދާކަމަށާއި، ރަށުގައި އެޅުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ 500 ހައުސިންގް ޔުނިޓްގެ ތެރެއިން 100 ހައުސިންގް ޔުނިޓްގެ މަސައްކަތް ބަޔަކާއި ޙަވާލުކުރެއްވުމުގެ ކަންކަން ކުރިއަށް ދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން ފޮނަދޫގައި ސަޢުދީ ފަންޑްގެ ދަށުން 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާ ކަންވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.
ގުޅުންހުރި

ކަލައިދޫ-ދަނބިދޫ ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އިސްދޫ ކަލައިދޫގެ ރައްޔިތުންނަށް ބޭނުންކުރެވޭގޮތަށް 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ފަށާނަން - ރައީސް
.jpg&w=3840&q=75)
އިސްދޫގައި އިންޑޯރ ބެޑްމިންޓަން ކޯޓެއް އަޅައިދެއްވުމަށް ރައީސްގެ އަރިހުން އެދެފި
