
-
ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފިއެވެ.

ބީއެމްއެލްގެ މި ސްކޮލަޝިޕް ފަންޑު ލިބޭ 3 ދަރިވަނުންގެ ގޮތުގައި މިއަހަރު ހޮވުނީ މުޙައްމަދު ޢާހިލް އަޙްމަދު އާއި މަރްޔަމް ޖައިޝާން ޖަލީލުގެ އިތުރުން މުޙައްމަދު ޝައުން ޙިލްމީ އެވެ.
ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
މި ސްކޮލަރޝިޕަކީ ރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި، އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މުހިންމު ޕްރޮގްރާމެކެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި އަހަރު ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވާ ކަމަށާއި މި ކާމިޔާބީއަކީ އެ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށެވެ. "މި ފުރުސަތާއެކު ތިޔަ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އަދި ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގޭ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން." ޝަރީފް ވިދާޅުވިއެވެ.
2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު 9 ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.