
އަންނަ ހޯމަ ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ - މޫސުމާއިބެހޭ ގައުމީ އިދާރާ
# މޫސުމާއިބެހޭ ގައުމީ އިދާރާ-
އަންނަ ހޯމަ ދުވަހާއި ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ރާއްޖޭގެ ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވެ ވައިބާރުވުމާއިއެކު ކަނޑުތައް ގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިމަހުގެ 17 އިން 20 ވަނަ ދުވަހަށް ވައިބާރުގެ ވިލާގަނޑުގައި އިތުރަށް ވައިގަދާނެ ކަމަށާއި އާއްމުކޮށްވެސް ކަނޑުތައް ގަދަވެވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މީގެ އިތުރުން އެކި ހިސާބުތަކަށް ވިއްސާރަކުރުމާއިއެކު ގުގުރުމާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ވަކީން ޚާއްސަކޮށް ދަތުރުވެރީން މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމާއިއެކު މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.
ރާއްޖެއަށް މިދިޔަ އާދީއްތަ ދުވަހުން ފެށީގެން ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާއިރު ފާއިތުވި ތިން ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލުވެސް ވަނީ ނެރެފައި އެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގައި 2 މީހަކު ވަނީ ނިޔާވެސް ވެފައި އެވެ.