
ފުނަދޫ ހޮސްޕިޓަލަށް އިތުރު ސްޕެޝަލިސްޓް ޑޮކްޓަރުން ހޯއްދަވައިދެއްވުމަށް ރައީސްގެ އަރިހުގައި އެދެފި
# ރައީސް މުއިއްޒު-
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ރަށުގައި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވައިދެއްވުމަށާއި، ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދިނުމަށް ކައުންސިލުން ތައްޔާރުކޮށްފައިވާ އުޞޫލު ފާސްކުރައްވައި ހުއްދަދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުންވެސް ރަށުގައި އަންހެނުންނަށް ކުޅެވޭގޮތަށް ފުޓްސަލް، ހޭންޑް ބޯލް އަދި ވޮލީ ކޯޓެއް އަޅައިދެއްވުމަށާއި އުމުރުން ދުވަސްވީ މީހުންނަށް އެރެވޭގޮތަށް، މޫދަށް އެރޭނެ ތަނެއް ހައްދަވައިދެއްވުމަށް އ.ތ.މ. ކޮމިޓީ މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ރަށުންދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށާއި އިތުރު ސްޕެޝަލިސްޓް ޑޮކްޓަރުން ހޯއްދަވައިދެއްވުމަށް ހޮސްޕިޓަލުން ވަނީ އެދިވަޑައިގެންފައެވެ. ސްކޫލްގެފަރާތުން މިބައްދަލުވުމުގައި ވަނީ، އިދާރީ މުވައްޒަފުން މަސައްކަތް ކުރާޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ވެސް، މި ބައްދަލުވުމުގައި، ރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރެއްވުމާއި ނަރުދަމާ ނިޒާމުގެ މައްސަލައަށް ހައްލުހޯއްދަވައިދެއްވުމަށް މެމްބަރުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ގުޅުންހުރި
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ނިޒާމު ފުރިހަމަކުރުމަށް އަންނަ އަހަރު ޚާއްސަ މަޝްރޫއެއް ފަށާނަން - ރައީސް

އަންނަ އަހަރު ސިއްހީ އަދި ތައުލީމީ ދާއިރާއަށް 1 ބިލިއަން ރުފިޔާގެ ބަޖެޓެއް!
