
ބިން ހިއްކުމުގެ މަޝްރޫއުތަކަށް އެމްއޭސީއެލުން ބޭރުގެ ބޮޑެތި ޑްރެޖަރުތަކެއް ގެންނަނީ. މިއަހަރު ތެރޭ ބޮޑު ތިން ޑްރެޖަރު އަންނާނެ!
# އެމްއޭސީއެލް-
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމެޓެޑާއި ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދާ ބިން ހިއްކުމުގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ ޑްރެޖަރުތައް ރާއްޖެ ގެނައުމަށް އެކުންފުނީން ބޭރުގެ ބޮޑެތި ބައެއް ކުންފުނިތަކާއިއެކު އެއްބަސްވުންތަކެއް ހަދައިފި އެވެ.

މިކަން ހާމަކުރެއްވީ މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ކޮމަންޑޫ ހިމެނޭހެން ށ އަތޮޅުގެ ތިން ރަށެއްގައި އެއާޕޯޓު އެޅުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް މިއަދު ކޮމަންޑޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށާއި އެއާޕޯޓު ތަރައްޤީކުރުމަށް އެމްއޭސީއެލްއާއި ހަވާލުކޮށް އަމަލީ މަސައްކަތް ވަނީ ފަށާފައި އެވެ. މިކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންވި ވައުދުފުޅުތަކާއި އެއްގޮތަށް އެއާޕޯޓުތައް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކުން ހިމެނޭހެން އެމްއޭސީއެލްއާއި ހަވާލުކުރަމުން ދަނީ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފުރިހަމައަށް ވުމަށްފަހުގައި ކަމަށެވެ.
އެގޮތުން އެކުންފުނީން މި މަޝްރޫއުތަށް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އެމްއޭސީއެލުން ބޭރުގެ އެންމެ ފެންވަރު ރަނގަޅު ޑްރެޖަރު ގެންގުޅޭ ކުންފުނިތަކާއިއެކު އެއްބަސްވުންތަކެއް މިހާރު ހަދާފައިވާކަން ރައީސް ހާމަކުރެއްވި އެވެ. ރައީސް އިތުރަށް ވިދާޅުވީ އެ އެއްބަސްވުންތަކާއިއެކު މިހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެއަށް 11،000 ޓަނުގެ ޑްރެޖަރެއް އަންނާނެ ކަމަށެވެ. އަދި މި ޑްރެޖަރުން ފުރަތަމަ މަސައްކަތް ފަށާނީ ތ އަތޮޅުގައި ތަރައްޤީކުރުމަށް އެމްއޭސީއެލްއާއި ހަވާލުކޮށްފައިވާ ވިލުފުށީ އެއާޕޯޓުގެ މަސައްކަތް ކަން ރައީސް ހާމަކުރެއްވި އެވެ.
މީގެ އިތުރުން އަންނަ މަހުގެ ތިން ވަނަ ހަފްތާގެ ތެރޭގައި 45،000 ޓަނުގެ އިތުރު ޑްރެޖަރެއްވެސް ރާއްޖެ އަންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ޑްރެޖަރުން ފުރަތަމަ މަސައްކަތް ފަށާނީ ރަސްމާލޭގެ ބިންހިއްކުމުގެ މަސައްކަތް ކަމަށެވެ. އަދި ޑިސެމްބަރު މަހު ތިންވަނަ ޑްރެޖަރެއް ރާއްޖެ ގެނެސް ހއ ދިއްދޫ އެއާޕޯޓުގެ މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށި އެމަސައްކަތް ގިނަ ވެގެން ތިން ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޑިސެމްބަރު މަހު ގެންނަ ޑްރެޖަރަކީވެސް 45،000 ޓަނުގެ ޑްރެޖަރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިއްދޫގެ ބިން ހިއްކުން ނިންމުމަށްފަހު އެ ޑްރެޖަރުން ށ އަތޮޅުގެ ތިން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މީގެ އިތުރުންވެސް އިތުރު ޑްރެޖަރު ތަކެއް ރާއްޖޭގެ އުމްރާނީ މަޝްރޫއުތަކަށް ބޭނުންވާ ބިން ހިއްކުމަށް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި

ބިން ހިއްކުމުގެ މަޝްރޫއުތަކަށް އެމްއޭސީއެލުން ބޭރުގެ ބޮޑެތި ޑްރެޖަރުތަކެއް ގެންނަނީ. މިއަހަރު ތެރޭ ބޮޑު ތިން ޑްރެޖަރު އަންނާނެ!

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސްތައް މާދަމާ އާ ޓާމިނަލަށް ބަދަލުކުރަނީ
