
ށ ނަލަންދޫ
ށ ނަލަންދޫ ގައި ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށުގެ ތެރެއިން، މިލަދުންމަޑުލު އުތުރުބުރީ (ށ) ނަލަންދޫ ގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް އެވުޒާރާއިން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ އަންނަ މަހުގެ 12 ވަނަ ދުވަހު ބީލަން ހުށަހެޅުމަށް އެވުޒާރާއިން ވަނީ އެދިފައި އެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 22 އޮކްޓޫބަރު 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެ ވުޒާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުމަށްވެސް ވަނީ އެދިފައި އެވެ.
އަދި ބީލަން ފޮތް 14 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުން ފެށިގެން 10 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާ (ވޭލާނާގެ، 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުން ލިބޭނެކަންވެސް ވަނީ އިއުލާނުގައި ހާމަކޮށްފައި އެވެ.
ބޮޑު މިނުގައި 63.99 ހެކްޓަރު ހުންނަ ނަލަންދޫގައި 200 ރިސޯޓެއް ހަދަން ކުއްޔަށް ދޫކުރަން ނިންމީ 50 އަހަރަށެވެ. އެވުޒާރާއިން ބުނީ ރިސޯޓު ތަރައްގީ ކުރުމުގެ މަރުހަލާގައި ކޮންސްޓްރަކްޝަން ޕީރިއަޑުގެ ގޮތުގައި 36 މަސް ދުވަސް ލިބޭނެ ކަމަށެވެ.
ނަލަންދޫގައި ރިސޯޓެއް ހެދުމަށް މީގެކުރީންވެސް ބީލަމަށް ހުޅުވާލި އެވެ. އެގޮތުން އެންމެ ފަހުން އެރަށް ބީލަމަށް ހުޅުވާލާފައިވަނީ ކުރީ ސަރުކާރުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ.






