ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ގާއިމްކޮށް ރައީސް މުއިއްޒު ވައުދު ފުއްދަވައިފި
# ދިވެހި ޕާސްޕޯޓު-
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ގާއިމްކޮށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައިފި އެވެ.

ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ޚާއްސަ މަޝްރޫއުއެއް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 16ވަނަ ދުވަހުެ އެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑުގެ ހިދުމަތް މިދިޔަ މަހު އިފްތިތާހުކުރި އިރު ޕާސްޕޯޓުގެ ހިދުމަތް މިއަދާއި ހަމައަށް ނުފެށި އޮތީ ހަމައެކަނި ހދ އަތޮޅުގައި އެކަންޏެވެ. ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެަތޮޅުގެ ވެރިކަންކުރާ މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ވަނީ ފަށާފައި އެވެ. އެރަށުގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފެށިގެން ދިޔުން ފާހަގަކުރުމުގެ ގޮތުން މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުއަށް ޚާއްސަ ހަނދާނީ ފިލައެއް ވަނީ އަރުއްވާފައި އެވެ. މި ހަނދާނީ ފިލާ ރައީސްއާއި ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަރިހުގައި އިމިގްރޭޝަން ކޮންޓްރޯލަރު ސީ.ޕީ (ރޓ) އަޙްމަދް ފަޞީޙް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރެެވުނު މަސައްކަތުގެ ތެރެއިން މިމަހުގެ ތެރޭގައި އެކަނިވެސް 3 އަތޮޅެއްގައި މި ހިދުމަތް ވަނީ ފަށާފައި އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑް ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.







