
މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތާ ގުޅޭގޮތުން ތަޢާރަފްކުރި ނިޒާމަށް ފަސޭހަ ކަމާއެކު ޝަކުވާ ހުށަހެޅޭނެ ގޮތް ހަދައިފި
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީގެ ބިމާބެހޭ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ތަޢާރަފުކުރި 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' އަށް ފަސޭހަ ކަމާއެކު ޝަކުވާ ހުށަހެޅޭނެ ގޮތް މާލެ ސިޓީ ކައުންސިލުން ހަދައިފި އެވެ.

މިހިނގާ އޮކްޓޯބަރ މަހުގެ އެއް ވަނަ ދުވަހު ތަޢާރަފް ކުރި މާލޭ ބިމުގެ މަޢުލޫމާތު ނިޒާމާ ގުޅޭގޮތުން މައްސަލަތައް/ޚިޔާލުތައް/ފީޑްބެކްތައް ހުށަހެޅުމަށް https://arcg.is/1eeruD1 މިލިންކަށް ފިއްތަވާލެއްވުމަށްފަހު، މި ފޯމު ފުރިހަމަ ކުރުމުން މާލޭ ސިޓީ ކައުންސިލުން، މައްސަލަ ހުށަހެޅުވި މީހާގެ ކަންކަމުގައި އެހީތރެވި ވާނެއެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި ނިޒާމަކީ މިވަގުތު މާލެ ސިޓީ ކައުންސިލަށް ލިބެން ހުރި ޑޭޓާބޭސްއަށް ބިނާކޮށް ތައްޔާރު ކުރެވިފައިވާ ވީއިރު، މި ނިޒާމަކީ މިވަގުތަށް މުޅިން ފުރިހަމަ ނިޒާމަކަށް ނުވިޔަސް، ކުރިއަށް އޮތް ތަނުގައި ރާވާފައިވާ މަސައްކަތްތަކާއެކު މި ނިޒާމު އިތުރަށް ފުރިހަމަވެ، ޕްލޭންކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ޕްލެޓްފޯމެއްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެ ނިޒާމެއްކަން މޭޔަރ ފާހަގަކުރެއްވިއެވެ.
"މި ސިސްޓަމްގެ ސަބަބުން، މާލެ ސިޓީގެ ގޭބިސީތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް، އެ ބައެއްގެ ގެދޮރާއި ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު ލިބިގަނެވޭނެ. އެ މައުލޫމާތުތައް ގޯސްނަމަށް ސަކުވާ ހުށަހެޅުމުން އެކަން އަވަސް ކަމާއެކު ހައްލުކޮށްދެއްވާނަން."މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މިނިޒާމު ފައްކާވެގެންދާއިރު ގޯތީގައި ހިންގާ ވިޔަފާރިތަކާއި، ކާރު ގަރާޖް ހުއްދަ ދެވިފައިވާ ނަމަ، އެ މަޢުލޫމާތުތައް ވެސް މި ޕޯޓަލްގައި ހިމެނޭނެއެވެ. ނަމަވެސް، މި މަޢުލޫމާތުތަކުގައި ޒާތީ މަޢުލޫމާތުތަކެއް ހުރެދާނެ ކަމަށް ބެލެވޭތީވެ، މި ޕޯޓަލްގެ ބައެއް މަޢުލޫމާތު ލިބޭނީ 'އީފާސް' މެދުވެރިކޮށް އެމީހެއްގެ މަޢުލޫމާތު އެމީހަކަށް އެކަނި ކަމަށް މޭޔަރ ޢާޒިމް ހާމަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލުން ތައްޔާރުކުރި މި މަޢުލޫމާތުތަކުގެ ތެރޭގައި، ލޭންޑް އޮޑިޓުގައި ހިމެނޭ ބިންތަކާއި އެ ބިން ބޭނުންކުރަމުންދާ ގޮތް ދައްކުވައިދޭ ޗާޓުތައް ހިމެނެއެވެ. މީގެ އިތުރުން، ވިލިމާލޭގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ވެސް، ޑްރޯން އިމޭޖިނަރީ ބޭނުންކޮށްގެން، އެ ބިންތައް ވަކިވަކިން ދެނެގަނެވޭނެ ގޮތަށް ޖިއޯރިފަރެންސް މަޢުލޫމާތުތަކާއެކު ވަނީ ހިމަނާފައެވެ.
މި ލޭންޑް އޮޑިޓުގައި ވާގޮތުން މާލޭގައި ހިމެނޭ ހުރިހާ ކޮށިތަކުގެ ބޮޑުމިނާއި، އެ ކޮށިތަކުގެ ތެރޭގައިވާ ގޯތިތަކުގެ ބޮޑުމިން ފެންނާނެ ގޮތަށް އަދާހަމަ ކުރެވިފައެވެ. މީގެ އިތުރުން، މާލެއާއި ވިލިމާލޭގައިވާ ގެތަކުގެ ޢަދަދާއި، ސުކޫލުތަކާއި، ފިހާރަތަކާއި، އޮފީސްތަކުގެ މަޢުލޫމާތުގެ އިތުރުން، ބިން ބޭނުންކުރެވިފައިވާ އެހެނިހެން ބާވަތްތަކުގެ މަޢުލޫމާތުވެސް ވަކިވަކިން މި ސިސްޓަމުން ފެންނަން ހުންނާނެއެވެ. މި ލޭންޑް އިންފޮމޭޝަން ސިސްޓަމާއެކު، މާލޭގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށާއި، ބިން ބޭނުންކުރެވޭ ގޮތް ސިޓީ ކައުންސިލަށް ދެނެގަތުން އިތުރަށް ފަސޭހަވެގެންދާނެއެވެ.
ގުޅުންހުރި

މާލެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނެއް ހެދިގެން ދާއިރު ކައުންސިލްގެ ބައިވެރިވުމެއްނެތި ކުރިއަށް ނުގެންދިއުމަށް ޢާޒިމް އެދިވަޑައިގެންފި

ބަލިމީހުން އުފުލުމުގެ ޚިދުމަތް، ފުޅާ ދާއިރާއެއްގައި ދިނުމުގެ މަސައްކަތުގައި ބައިވެރިވުމަށް ސިޓީ ކައުންސިލާއި ރެޑްކްރެސެންޓާއި ދެމެދު އެއްބަސްވުމެއް!

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ
