logoEN
Sto top
'އޯޕަން ވީޒާ'ގެ ނަމުގައި ރާއްޖޭގައި ބިދޭސީން މަސައްކަތްކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން - އިމިގްރޭޝަން

'އޯޕަން ވީޒާ'ގެ ނަމުގައި ރާއްޖޭގައި ބިދޭސީން މަސައްކަތްކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން - އިމިގްރޭޝަން

އަހުމަދު ޝުރާއު

logo

9/30/2025, 8:10:31 AM

# މޯލްޑިވްސް އިމިގްރޭޝަން

-

'އޯޕަން ވީޒާ'ގެ ނަމުގައި ރާއްޖޭގައި ބިދޭސީން މަސައްކަތްކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫންކަން މޯލްޑިވްސް އިމިގްރޭޝަނުން ހަނދާންކޮށްދީފިއެވެ.

Wamco

އިމިގްރޭޝަނުން މިކަން ހަނދާންކޮށްދީފައި މިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީން، އެމީހުނަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން 'އޯޕަން ވީޒާ'ގެނަމުގައި މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާތީއެވެ.

ބިދޭސީ މުވައްޒަފުންނަށް މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި އެމީހުންނަށް ވީޒާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމަށް އެކަނި ކަމަށާއި އެހެންކަމުން، މިކަމަށް ސަމާލުވެ، ވަޒީފާދޭ ފަރާތްތަކުން އެމީހުންގެ މުވައްޒަފުން އެހެންތަންތަނަށް މަސައްކަތްކުރަން ނުފޮނުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަނިކޮށް ފާހަގަކުރެވިއްޖެނަމަ، އެފަދަ މުވައްޒަފުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އަނބުރާ ފުރުވާލާނެ ކަމަށާއި ވަޒީފާ ދިން ފަރާތަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ވަނީ ދީފައެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާއެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް" އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެތެރޭގައި، އެންމެފަހުން ފެށިފައިވަނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން އަންނީ ކެނޑިނޭޅި ކުރަމުންނެވެ.

އިމިގްރޭޝަނުން ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަމެވެ.

ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާ ކަމަށްވެސް ވިދާޅުވެފައެވެ.

މިއީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމެއް ކަން އިމިގްރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

މި މަސައްކަތްތަކުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމެވެ. ވީމާ، ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC