
24 އަހަރަށް ފަހު ބާސެލޯނާ އިން ފުރަތަމަ ފަހަރަށް އޮވިއެޑޯ ބަލިކޮށްފި
# ސްޕެނިޝް ލަ ލީގާ# ރެއާލް އޮވިއޭޑޯ# ބާސެލޯނާ# ބޭރު ދުނިޔޭގެ ކުޅިވަރުބާސެލޯނާއި އޮވިއެޑޯ ވާދަކުރި މެޗުގެ ތެރެއިން..
ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ރެއާލް އޮވިއެޑޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެޗުގައި އޮތް ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ގެޓާފޭ އަތުން މޮޅުވެފައިވާއިރު، އޮވިއެޑޯ އެންމެ ފަހުން ކުޅުނު މެޗުގައި އެލްޗޭ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2001ނަ އަހަރު އެވެ. އެމެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮވިއެޑޯ އިންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ފަހަރަށް ލަނޑުޖަހައި ކުރިހޯދީ އޮވިއެޑޯ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު އަލްބަޓޯ ރެއިނާ އެވެ. މިއީ ބާސެލޯނާގެ ކީޕަރު ޖޯން ގާސިއާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އޭނަ ކާމިޔާބުކުރި ލަނޑެކެވެ.
ބާސެލޯނާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެރިކް ގާސިއާ އެވެ. އަދި އެޓީމުން މެޗުގެ ލީޑުހޯދި ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖުރިބަކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ އެވެ.
ބާސެލޯނާ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރައުލް އަރައުހޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި މީގެ އިތުރުން މިއީ ހެންސީ ފްލިކްގެ ކޯޗުކަމުގައި ބާސެލޯނާގެ ކުޅުނު 67 މެޗުގެ ތެރެއިން އެޓީމު މޮޅުވި 50 ވަނަ މެޗެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން ބާސެލޯނާއަށް 16 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮވިއެޑޯ އިން ލީގުގައި ކުޅުނު ހަ މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ