
-
ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިި އެވެ.

މި މަޝްރޫއު ރަސްމީކޮށް ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގުރައިދޫއަށް ވަޑައިގެން މިއަދު ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
މި މަސައްކަތުގެ ޢަމަލީ ފެށުން ފާހަގަކޮށްދެއްވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރުއެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުރައިދޫ މަގުތައް ތަރައްޤީ ކުރުމުގެ މި ބޮޑު މަޝްރޫޢަކީ، ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަކަން އިތުރުކޮށް، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ މަޝްރޫޢެކެވެ.
މި މަސައްކަތަށް އެވޯޑުކޮށްފައިވާ އަގަކީ 74,767,484.16 ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 730 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން ގުރައިދޫގެ މަގުތައް ބޭނުންކުރަން ފަސޭހަ އަދި ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.






