
-
ތ ވިލުފުށީގެ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފޭސްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އާރްޑީސީއާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ވިލުފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އާރ.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.
މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 59,891,725.08 ރުފިޔާ އަށް 730 ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން އެރަށުގެ ބައެއް މަގުތައް ޒަމާނީ ފެންވަރަށް ތާރު ނުވަތަ ގައު އަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި އެވެ.