
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޕާކިސްތާނުގެ ވަގުތީ ރައީސްއާ ބައްދަލުކުރައްވައިފި
# ރައްޔިތުންގެ މަޖިލީހުގެ ރައީސް-
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނުގެ ވަގުތީ ރައީސް، އޮނަރަބަލް ޔޫސުފް ރަޒާ ގިލާނީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި، އެކިދާއިރާތަކުން، ޚާއްޞަކޮށް ތަޢުލީމާއި ޞިއްޙީ ދާއިރާއާއި ވިޔަފާރީގެ ރޮގުން ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް ވިދާޅުވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ހުއްޓުމެއް ނެތި ދިވެހިރާއްޖެއިން ފަލަސްތީނަށް ތާއީދު ކުރުންމަތީ ދެމިތިބޭނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުން ނިންމާލައްވަމުން، ޕާކިސްތާނު ސަރުކާރުން އެ މަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއާއި ޕާކިސްތާނަކީ ސަގާފީ އަދި ދީނީގޮތުން އެއްބައިވަންތަ ދެ ޤައުމުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމުގެ ސަބަބުން، މިފަދަ އިސްލާމީ ޤައުމުތަކުގެ މެދުގައި ސުލްޙަ މަސަލަސްކަމާއި، ތަރައްޤީއާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވާކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އަމާން ދުނިޔެއެއް ބިނާކުރެވޭނީ އުއްމީދާއި އިންސާފާއި އިންސާނީ އެއްބައިވަންތަކަމުގެ މައްޗަށް - އަބްދުއްރަހީމް





