
-
ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ގދ. އަތޮޅުގެ 5 ރަށެއްގައި އާއި ގއ އަތޮޅުގެ 2 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށް، މުޅި ހުވަދު އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށްތަކުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރަރސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އޭޓީއެމްގެ ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެއަތޮޅުގައި ހުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ ރައްޔިތުނަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ މުޖުތަމަޢުތަކަށް ވީހާވެސް ގާތުން ބޭންކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަކީ އެ މަގްސަދު ހާސިލްކުރުމަށް ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް." ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.




.jpg&w=3840&q=75)


