
ސައުތު ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ހުނަރު އިތުރުކޮށް ތަމްރީނުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ފަސްޓްލައިން މެނޭޖްމަންޓް ކޯސް، ސައުތު ޕޮލިހުގެ މުވައްޒަފުންނަށް ފަށައިފިއެވެ.

މި ކޯހަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސައުތު ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށެވެ.
ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ފުލުހުން ހިމެނޭހެން 20 ފުލުހުން މި ކޯހުގައި ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެން ދެ ފުލުހުންނާއި 18 ފިރިހެން ފުލުހުންނެވެ.
ފަސްޓްލައިން މެނޭޖްމަންޓް ކޯހަކީ ޕޮލިސިންގައި ދިމާވާ ހުރަސްތަކުން އަރައިގަތުމަށާއި، ފުލުހުންގެ މަސައްކަތްތައް ރަނގަޅުގޮތުގައި ބައްޓަންކުރުމަށާއި އެކި ރޭންކުތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ތައުލީމާއި ތަމްރީނުދީ ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. މި ކޯހަކީ ހުރިހާ ރީޖަންތަކެއްގައި ވެސް ޑިސެންޓްރަލައިޒްކޮށް ހިންގުމަށް ފަރުމާ ކުރެވިފައިވާ ކޯހެކެވެ.
މި ކޯހުގައި ”ޕަރސަނަލް ލީޑަރޝިޕް އެންޑް އެތިކަލް ސްޓޭންޑާޑްސް، ސްޕަވައިޒަރީ ސްކިލްސް އެންޑް ޕީޕަލް މެނޭޖްމަންޓް، އޮޕަރޭޝަނަލް ލީޑަރޝިޕް، ލީގަލް އެވެއާނެސް ފޯ ފްރޮންޓްލައިން އޮފިސާސް، ކޮމިޔުނިޓީ ޕޮލިސިންގ އެންޑް ޕަބްލިކް އެންގޭޖްމަންޓް، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް” ފަދަ މޮޑިއުލްތައް ކިޔަވައިދޭނެއެވެ. އަދި ސިނާރިއޯ ޓްރެއިނިންގއާއި، މޮޑިޔުލްތަކުގެ އެސެސްމަންޓް ބައިވެރިންނަށް ދެވޭނެއެވެ.