
މިނިސްޓްރީގެ އެންގުމާއި އެއްގޮތަށް މާލޭގެ މަގުތަކުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް ސިޓީ ކައުންސިލުން ނިންމައިފި
# މާލެ ސިޓީ ކައުންސިލް-
މާލޭގެ މަގުތަކުގައި ޕާކިން ސްލޮޓްތައް ވަކި ފަރުދަކަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޓްރާންޕޯޓް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއަށް ޢަމަލު ކުރުމަށް ނިންމައި، މާލޭގެ މަގުތަކުގެ ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް ނިންމައިފި އެވެ.

ކައުންސިލުން، މި ކަމަށް ޢަމަލުކުރުމަށް ނިންމީ، ބުދަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 211 ވަނަ ޖަލްސާގައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް އިތުރަށް ކުޔަލަށް ނުދެވޭނެ ކަމަށް އަންގައި ޓްރާންސްޕޯޓް މިނިސްޓްރީން ކައުންސިލަށް ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ. އެ ސިޓީގައި، ޖުމްލަކޮށް ބުނެފައިވަނީ، މާލޭގެ މަގުތަކުން ތަންތަން ކުއްޔަށް ދިނުމަކީ، ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނަރަލް ލަފާ ދެއްވާފައިވާ ކަމަށެވެ.
މޭޔަރ ވިދާޅުވީ، މިކަމާ ގުޅޭ ގޮތުން ޓްރާންޕޯޓް މިނިސްޓްރީއާ މަޝްވަރާކުރައްވާނެކަމަށެވެ. އަދި މަގުތަކުގައި ހުރި ޕާކިންއަށް ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.
"މިމަހުގެ ފަހު ހަފްތާއިން ފެށިގެން، މާލޭގެ މަގުތަކުގެ ޕާކިންއަކީ ހުރިހާ އެންމެނަށް ޕާކު ކުރެވޭނެ ތަންތަން. އެއް ވެސް މީހަކަށް ވިއްކާފައެއް އޮތް ތަނެއް ނޯންނާނެ" ޓްރާންސްޕޯޓް މިނިސްޓްރީން، ކައުންސިލަށް ފޮނުވި ސިޓީއާ ގުޅިގެން މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމްގެ އިތުރުން މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ވިދާޅުވީ، ކައުންސިލްގެ ޕާކިން ސްލޮޓްތައް ވަކި ފަރުދަކަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީން ކައުންސިލަށް ފޮނުވި ސިޓީއަށް ތާއީދު ކުރައްވާކަމަށާއި އަދި ޕާކިންސްލޮޓްތައް ބާތިލްކުރާ ދުވަހުން ފެށިގެން، އާންމު ރައްޔިތުންގެ އުޅަދުތައް ޕާކުކުރެވޭނެ އިތުރު ގޮތެއް ހޯދުމަށް ކައުންސިލުން މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި އެކަން އެ ގޮތަށް ކޮށްދިނުމަށް ޓްރާންޕޯޓް މިނިސްޓްރީން ވެސް ކައުންސިލުގައި އެދިފައިވާކަމަށް ޑެޕިއުޓީ ވިދާޅުވި އެވެ.
"ރައްޔިތުންނަށާއި ކައުންސިލަށް ވެސް އެންމެ ފައިދާވާގޮތަށް މިކަން ކުރިއަށް ގެނދެވޭނެ ގޮތެއް ހޯދުމަށް އަޅުގަނޑުމެނަށް، ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އެބައޮތް ލަފައެއް ދީފަ." ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިޙު ވިދާޅުވީ، ބަންޑާރަ ނައިބު، މި ކަމަށް ލަފާ ދެއްވާފައި ވާތީ އުފާކުރައްވާ ކަމަށާއި މިކަމަކީ، މި ކަމުން ވަރަށް ބައިވަރު ގޯސްތަކެއް ހިނގާފައި އޮތް ކަމެއް ކަމަށެވެ. އަދި ބަންޑާރަ ނައިބު މިލަފާ ދެއްވުމަކީ، ހިތް ވަރުގަދަ ކަމެއް ގޮތުގައި ވެސް ސައިފް ފާހަގަ ކުރެއްވިއެވެ.
ގުޅުންހުރި

ތައިސޭ ކޮށީގެ ނަން "މާލެ ސިޓީ ހޯލް" ގެ ނަމަށް ބަދަލުކޮށްފި

މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް

މިނިސްޓްރީގެ އެންގުމާއި އެއްގޮތަށް މާލޭގެ މަގުތަކުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް ސިޓީ ކައުންސިލުން ނިންމައިފި
