
-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ދަރިވަރުންގެ ކައުންސިލުން، ޤައުމީ "5 މިލިއަން ގަސް" ޕްރޮގްރާމާ ގުޅިގެން، ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކެއްގައި ގަސްއިންދުމުގެ ބޮޑު ހަރަކާތެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެށީގެ ވަޒީރު، ޠާރިޤު އިބްރާހީމްއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށި ރައްކާތެރިކުރުމާއި، ދިވެހިރާއްޖޭގައި ފެހިކަން އިތުރުކުރުމުގެ ޤައުމީ މަސައްކަތަށް އެއްބާރުލުން ދިނުމެވެ. ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުން، އަދި ޔުނިވަރސިޓީގެ ކޮންމެ ފެކަލްޓީއަކުން ވެސް މި ޕްރޮގްރާމުގައި ހަރަކާތްތެރިވާނެކަމަށް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ޒުވާނުންނާއި ދަރިވަރުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި، ޤައުމީ "5 މިލިއަން ގަސް" ޕްރޮގްރާމަކީ ދިގު މުއްދަތަށް ރާއްޖޭގެ ތިމާވެއްޓަށް ފައިދާކުރާނެ މަޝްރޫޢެއް ކަމަށާއި، މިފަދަ މަސައްކަތްތަކުގައި ޔުނިވަރސިޓީގެ ދަރިވަރުންގެ ބައިވެރިވުން ހުރިހާ ގޮތަކުން ވެސް ބަލައިގަންނަ ކަމުގައި ވިދާޅުވިއެވެ.
ދަރިވަރުންގެ ކައުންސިލުން ބުނީ، މި ޕްރޮގްރާމްގެ ދަށުން ޔުނިވަރސިޓީގެ ކޮންމެ ފެކަލްޓީއެއްގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދުގައި ގަސްއިންދާނެ ކަމަށެވެ. މިގޮތުން، ތަފާތު ބާވަތްބާވަތުގެ ގަސްތައް އިންދުމަށް ހަމަޖެހިފައިވާއިރު، މިކަމުގެ ސަބަބުން ޔުނިވަރސިޓީގެ ވެށި އިތުރަށް ހިތްފަސޭހަވެ، ތިމާވެއްޓާބެހޭ ހޭލުންތެރިކަން ދަރިވަރުންގެ މެދުގައި އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.
މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ޔުނިވަރސިޓީގެ ދަރިވަރުންގެ ފަރާތުން ލިބޭ މުހިންމު އެއްބާރުލުމެއް ކަމަށާއި މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ ހިތްގައިމުކަމާއި ރީތިކަން ދެމެހެއްޓުމަށް ބޮޑު އެހީއެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

އެމް.އެން.ޔޫ ފަހި މުސްތަޤްބަލް ސީރީޒް: އިންޖީނިއަރިންގ ދާއިރާއާއި ގުޅޭ ސެޝަނެއް މާދަމާ!

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ފަށަނީ

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ކައުންސިލުން ގަސްއިންދުމުގެ ޕްރޮގްރާމެއް ފަށައިފި
