
-
ރާއްޖޭގެ ފުޓްބޯޅައިގެ ނަން މަޝްހޫރު ނިއު ރޭޑިއަންޓަށް ގައުމީ ފުޓްބޯޅައިގެ އެއްވަނަ ޑިވިޝަނުން ފުރުސަތު ދީފި އެވެ.

ނިއު ރޭޑިއެންޓަށް ފުރަތަމަ ޑިވިޝަނުން ޖާގަ ދިނީ މާލީ ހާލަތު ދަށްވުމާއި ގުޅިގެން ފުރަތަމަ ޑިވިޝަނުން ވަކިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ޖާގައިގައެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުން ނިންމާފައިވަނީ މިއަދު މެންދުރު ފަހު ބޭއްވުނު އެ އެސޯސިއޭޝަންގެ އެކްސްކޯގެ މިއަހަރުގެ 5 ވަނަ ބައްދަލުވުމުގައި ކަމަށެވެ.
އެކްސްކޯ ބައްދަލުވުމުގައި ނިންމީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ސަސް އިން އެލީގުގައި މިފަހަރުގެ ސީޒަނުގައި ވާދަނުކުރަން ނިންމައި އެފްއޭމްއަށް އަންގާފައިވާތީ ލީގުގެ ގަވާއިދުގެ މަތިން 2 ލައްކަ ރުފިޔާއިން އެކްލަބު ޖޫރިމަނާކޮށް ލީގުގެ ގަވާއިދުން އެފްއޭމަށް ލިބިދޭ ބާރުގެ ދަށުން ސަސް މާލެ ލީގުގެ ކޮލިފިކޭޝަން ކަމަށްވާ ތިން ވަނަ ޑިވިޝަނަށް ރެލިގޭޓުކުރުމަށެވެ.
އަދި އެ ޓީމުން ދޫކޮށްލި ޖާގަ އެއްވަނަ ޑިވިޝަނުގެ ޖާގަ އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަން މުބާރާތުގެ ސެމީ ފައިނަލުން ބަލިވި އަނެއް ޓީމު ކަމަށްވާ ޓެންޓް ސްޕޯޓްސް އާއި ނިއުގެ ނަތީޖާ އަޅާ ކިޔައި، ކުރި ހޯދި ނިއު ރޭޑިއެންޓަށް ދިނުމަށްވެސް އެކްސްކޯއިން ވަނީ ފާސްކޮށްފައި އެވެ.
މި ނިންމުން އެފްއޭމުން ނިންމި އިރު ނިއު ރޭޑިއެންޓުން ވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ބޮޑެތި ހަރަދުތަކެއް ކުރުމަށްފަހު ރާއްޖޭގެ އެންމެ ވަރުގަދަ ކުޅުންތެރިންގެ ސޮއި ހޯދާފައި އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގާއި ގައުމީ ޓީމަށް މިހާރު ކުޅެމުން އަންނަ ކުޅަދާނަ ސްޓްރައިކަރު އަލީ ފާސިރު ( ސެންޓޭ ) ހިމެނެއެވެ.
އަދި ޓީމުގެ ކޯޗަކަށް ކުޅަދާނަ ކޯޗު އަލީ ސުޒެއިންގެ ވެސް ވަނީ ހަމަޖައްސާފައި އެވެ.