
ދިވެހި ފުޓްބޯޅައިގެ ނޫ ލަޝްކަރު ވަރުގަދަ ބަދަލުތަކަކާއި އެކު އެނބުރި ދަނޑަށް: ތަފާތު ފެންނާނެ!
# ނިއު ރޭޑިއަންޓް--
ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމް ކަމަށްވާ ނިއު ރޭޑިއަންޑް ވަރުގަދަ ބަދަލުތަކަކާއި އެކު މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވެއްޖެ އެވެ.

ކްލަބަށް ދިމާވި މާލީ ގޮންޖެހުންތަކާއި އެކު ވެއްޓުނު ބޮޑު އަނދަވަޅުން އެޓީމު އަލުން ނަގައި ކޮޅަށް ޖެހުމަށް ފާއިތުވި ދެއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެގޮތުން މާލީ ދަތިތަކާއި އެކު އެޓީމު މީގެ ކުރީން ބޮޑު ސަސްޕެންޝަނެއްގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ. ނަމަވެސް އެޓީމުގެ އިސް ސަޕޯޓަރުންތަކެއްގެ އެހީތެރިކަމާއި އައު މެނޭޖްމެންޓަކާއި އެކު މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް އެޓީމު މިހާރު ވަނީ ތައްޔާރުވެފައި އެވެ. އައު މެނޭޖްމެންޓުގައި ކްލަބުގެ އައު ޗެއާމަނެއްގެ ގޮތުގައި އިންތިހާބު ކޮށްފައިވަނީ ކްލަބުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސަޕޯޓަރު އަހުމަދު މުބީން އެވެ. އަދި ވައިސް ޗެއާމަނަކަށް އިންތިހާބުކޮށްފައިވަނީ މުޖުތަބާ ޖަލީލް އެވެ. މުޖުތަބާ ޖަލީލް އަކީ ކްލަބު މާލީ ގޮންޖެހުންތަކުން އަރައިގަތުމުގައި ގިނަ ގުނަ އެހީތަކެއް ވެދެއްވި ފަރާތެކެވެ.
ޓީމުގެ އެނބުރި އައުން ކުަލަގަދަކޮށް ފާހަގަކުރުމަށް ކްލަބުގެ އައު މެނޭޖްމެންޓުން މިދިޔަ ހަފްތާގައި ވަނީ އެޓީމު އެއަވަށަކާށް ނިސްބަތްވާ ހެންވޭރުގެ، ހެންވޭރު ދަނޑުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ. އެރަސްމިއްޔާތުގައި ޓީމުގެ ސްކޮޑް ރަސްމީކޮށް އިއުލާނުކޮށް ކުޅުންތެރިން ވަނީ ތައާރަފްކޮށްފައި އެވެ. އަދި މިއަހަރުގެ ސީޒަނުގައި އެޓީމުން ބޭނުންކުރާނެ ރަސްމީ ޖާޒީވެސް ވަނީ ދައްކާލާފައި އެވެ.
އެރަސްމިއްޔާތު ޚާއްސަ ވެގެންދިޔަ އެންމެ ބޮޑު ސަބަބަކަށްވީ ރަސްމިއްޔާތުގައި ކްލަބުގެ ފައުންޑަރު ކަމުގައިވާ ހ. ކުއީން އަހުމަދު ވަހީދެ ބައިވެރިވެވަޑައިގަތުމެވެ. ކުއީން އަހުމަދު ވަހީދު ވަނީ އެރަސްމިއްޔާތުގައި ކްލަބުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވާފައި އެވެ. އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުއީން ވަހީދު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ސްކޮޑާ މެދު އިތުބާރު އެބައޮތް ކަމަށާއި އުއްމީދަކީ ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކޮށް އަލުން ފުރަތަމަ ޑިވިޝަނަށް ކުލަބު ގެންދިއުން ކަމަށެވެ.
މީގެ އިތުރުން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިއުގެ އައު ޗެއާމަން މުބީން ވިދާޅުވީ، އެންމެ ފުރަތަމަ ކުލަބާ ހަވާލުވިއިރު އޮތް ޙާލަތުން ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި، އެ ޙާލަތު ބަދަލުކުރުމަށް ނިއުގެ ޓީމުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ނިއުގެ ހުރިހާ ވެސް ރައުސުލްމާލަކީ އެ ޓީމުގެ ސަޕޯޓަރުންކަަމަށާއި ގައުމެއްގެ ނިސްބަތުން މިހާ ގިނަ ސަޕޯޓަރުން ތިބި ކުލަބެއް، ނިއު ރޭޑިއަންޓް ފިޔަވައި ނެތް ކަމަށް މުބީން ވިދާޅުވިއެވެ
ނިއުރޭޑިއަންޓުގެ ހުރިހާ ވެސް ރައުސުލްމާލަކީ ނިއުރޭޑިއަންޓުގެ ސަޕޯޓަރުން. ނިސްބަތުން. ދިވެހި ރާއްޖޭގެ ކޮންމެ ރަށަކަށް ތިބޭފުޅުން އަރާ ބަލާލިޔަސް ވެސް އެ ރަށެއްގެ ކުޅިވަރަށް ލޯބިކުރާ 60-70 ޕަސެންޓު ސަޕޯޓަރުން ތިބޭނީ ނިއުރޭޑިއަންޓުގައި، - މުބީން ވިދާޅުވިއެވެ
މުބީން އިތުރަށް ވިދާޅުވީ، ނިއު، ވިކްޓްރީ އަދި ވެލެންސިއާ ނުލައި ދިވެހި ފުޓްބޯޅަ ފުރިހަމައެއް ނުވާނެ ކަމަށާއި ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ފުޓްބޯޅަ ދަނޑުތަކަށް އައި ހީނަރުކަމުން ފެނުނީ އެ މަންޒަރުކަމަށެވެ.
ދިވެހި ފުޓްބޯޅައިގެ ނޫ ލަޝްކަރުގެ ގޮތުން މަޝްހޫރުވެފައިވާ ނިއު ރޭޑިއަންޓުގެ މިއަހަރުގެ ސްކޮޑުގައި ހިމެނެނީ ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ ޑިވިޝަނުން ފެނިފައިވާ ތަޖުރިބާކާރު ކުޅުންތެރިންނާއި، މިދިޔަ އަހަރު ބޭއްވި ގޯލްޑް ކަޕްގައި ފާހަގަކުރެވުނު ހުނަރުވެރި ކުޅުންތެރިންނެވެ.
ކުޅުންތެރިންގެ އިތުރުން މިހާރު އެކްލަބުގެ ވަނީ ކްލަބުގެ ކޯޗިންގ ސްޓާފުންވެސް ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. އެގޮތުން ކަލްބުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ އާދަމް އަބްދުއްލަޠީފް (ލައްޗޭ) އެވެ.




