
ހަނިމާދޫގައި 500 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއު އަންނަ މަހު އެޗްޑީސީއާއި ހަވާލުކުރަނީ
# ހދ ހަނިމާދޫ-
ހދ ހަނިމާދޫގައި 500 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއު އަންނަ މަހު އެޗްޑީސީއާއި ހަވާލުކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ މިހާރު ހދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ރައީސް ވިދާޅުވީ އެރަށުގައި 500 ހައުސިން އެޅުމަކީ ރިޔާސީ ވަޢުދެއްކަމަށާއި، އެވައުދު ފުއްދެއްވުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު އެޗްޑީސީއާ ހަވާލުކޮށްގެން ފައްޓަވާނެ ކަމަށެވެ. އެގޮތުން މި މަޝްރޫއު ކުރިޔަށްގެންދާނީ ދެބަޔަކަށް ބަހާލައިގެން ކަމަށާއި އެއްބަޔަކީ ވަކި ސަރަހައްދެއްގައި ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ކަމަށާއި އަނެއް ބަޔަކީ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ކަމަށް ރައީސް ވިދާޅުވިއެވެ.
"ތިބޭފުޅުންގެ ވަރަށް ގިނަ ގޯތީގައި ގެދޮރު ނޭޅި އެބަހުރި. އެހެންވީމަ 3 ކޮޓަރީގެ އެޕާޓްމަންޓެއް އެ ގޯތިތަކުގައި އަޅައިދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވި އިރު ހިރިލަންދޫއާއި ހަނިމާދޫ އެއްފަސްކޮށް ހަނިމާދޫގައި ހިރިލަންދޫ ރައްޔިތުން އާބާދުވުމަށް ގެދޮރާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް މިއަދު ވަނީ އެޗްޑީސީއާއި ހަވާލުކޮށްފައި އެވެ.
އެހެން ކަމުން އެޗްޑީސީ ވެގެންދާނީ ހަނިމާދޫގައި ހިންގާ ގެދޮރުވެރިކަމުގެ މި ދެ މަޝްރޫއުވެސް ކުރިޔަށްގެންދާނެ ކުންފުންޏަށެވެ.







