
ހިރިމަރަދޫން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ރައްޔިތުން ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި
# ހދ.ހިރިމަރަދޫ# ހދ ހަނިމާދޫ# ހއ.ހޯރަފުށިހދ.ހިރިމަރަދޫ- ފޮޓޯ: ހިރިމަރަދޫ ކައުންސިލް
ހދ.ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ.ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތައް ނަން ނޯޓުކުރުމުގެ ފުރުސަތު ހދ.ހަނިމާދޫ ކައުންސިލުން ހުޅުވާލައިފި އެވެ.

ހިރިމަރަދޫގެ އާބާދީ މަދުވުމުގެ ސަބަބުން އެރަށު ރައްޔިތުންގެ އެދުމުގެ މަތިން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ހަނިމާދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ހއ.ހޯރަފުށީ ކައުންސިލުގެ އާންމު ޖަލްސާއެއްގައި ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ރަސްމީކޮށް ދައުވަތު ދީފައިވާ ކަމަށެވެ.
އެހެންކަމުން މިކަމަށް އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ނަން ނޯޓުކުރުން ކުރިއަށްދާނީ ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ އަދި މިހާރުގެ ހަނިމާދޫ އަވަށު އޮފީހުގަ އެވެ. މީގެއިތުރުން ކައުންސިލްގެ މެއިލް ނުވަތަ ފޯނު ނަންބަރު 4002064 އަށް ގުޅައިގެންވެސް ނަން ނޯޓުކުރެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.
ހޯރަފުށީ ކައުންސިލުން ބުނީ އެރަށަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުންނަށް ގޯތި ދޭން ނިންމާފައިވަނީ ކުރީ ކައުންސިލުން ނަމަވެސް އެރަށަކީ ކުރިންވެސް ކުދި އާބާދީތަކުން އެރަށަށް ބަދަލުވާން ބޭނުންވެ އެކަމަށް މަރުހަބާ ކިޔާފައިވާ ބައެއް ކަމަށެވެ. އެހެންކަމުން މިފަހަރުވެސް ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ ރައްޔިތުންގެ އަދަދަށް ބަލައި އެއްބާރުލުން ދޭނެ ކަމަށެވެ.
500 އަށްވުރެ ބޮޑު އާބާދީއެއް ރަޖިސްޓްރީކޮށްފައިވާ ހިރިމަރަދޫގައި ދިރިއުޅޭ 200 އެއްހާ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން އެދިފައިވަނީ ތަރައްގީއަށް ހުރަސްއެޅި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލިބުމުގައި ދަތިތަކާ ދިމާވާތީ އެވެ. އެފަދަ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ދައުލަތުގެ ބަޖެޓަށްވެސް ބުރައަކަށްވާނެތީ އެ ރަށުގެ ރައްޔިތުން އެދުނީ އާބާދީ ބޮޑު ރަށަކަށް އެ ރަށުގެ ރައްޔިތުން ބަދަލުކޮށްދިނުމަށެވެ.





