logoEN
Sto top
ރައްޔިތުންނާ ގާތަށް މާލީ ޚިދުމަތްތައް ގެންދިއުމަށް ބޭންކުން ފަށާފައިވާ މަޝްރޫޢަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމަށް ޝަރީފުގެ ޝުކުރު!

ރައްޔިތުންނާ ގާތަށް މާލީ ޚިދުމަތްތައް ގެންދިއުމަށް ބޭންކުން ފަށާފައިވާ މަޝްރޫޢަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމަށް ޝަރީފުގެ ޝުކުރު!

އަހުމަދު ޝުރާއު

logo

8/14/2025, 5:33:20 PM

# ބީއެމްއެލް# ރައީސް މުއިއްޒު

-

މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަޝްރޫޢަށް ސަރުކާރުގެ ފަރާތުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވަވާ އެހީތެރިކަމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ، މުޙައްމަދު ޝަރީފް ޝުކުރު ދަންނަވައިފިއެވެ.

Wamco

ބ. މާޅޮހުގައި އޭޓީއެމް ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ މިއަދަކީ ބ. އަތޮޅުގައި މިހާތަނަށް އޭޓީއެމްގެ ޚިދުމަތް ނުދެވި އޮތް 10 ރަށަށް އޭޓީއެމްގެ ޚިދުމަތް ފުޅާކެރުވުނު ތާރީޚީ ދުވަސް ކަމަށާއި، މިއީ ރައީސް ޑރ. މުޢިއްޒުގެ ޚާއްޞަ އިރުޝާދާއެކު "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ނަމުގައި ފެށި ޚާއްޞަ މަޝްރޫޢުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު ލަނޑުދަނޑިއެއް ކަމަށެވެ.

ރާއްޖޭގައި އޭޓީއެމްގެ ޚިދުމަތް ދޭން ފެށިތާ 25 އަހަރުވީއިރު، މީހުން ދިރިއުޅޭ ދެބައިކުޅަ އެއްބައަށް ވުރެ ގިނަ ރަށްރަށުގައި މި ޚިދުމަތް ޤާއިމްވެފައި ނެތުމުން ރައްޔިތުންނަށް އަސާސީ ބޭންކިންގ ހޯދަން ޖެހެނީ ޚަރަދުކޮށްފައި އެހެން ރަށަކަށް ދަތުރުކޮށްގެން ނުވަތަ ބޭންކުގެ ދޯނި އަންނަ ދުވަހަކަށް ނުވަތަ މުވައްޒަފުން އަންނަ ދުވަހަށް ރަށުގައި މަޑުކޮށްގެން ކަމުގައި ޝަރީފް ވިދާޅުވިއެވެ.

"ހާލަތު މިހެން އޮތަތީވެ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އުއްމީދަކަށްވީ، ކޮންމެ އަތޮޅެއްގައި، ކޮންމެ ރަށެއްގައި ތިބެގެންވެސް މާލީ ނިޒާމުގައި ބައިވެރިވުމުގެ ފުރުޞަތު އޮތުން. ދަތުރުކުރަން ނުޖެހި ބޭނުން ވަގުތަކު އަސާސީ ބޭންކިންގ ލިބޭނެ މަގުފަހިވެފައި އޮތުން. އެހެންކަމުން މިދިޔަ ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢު ފައްޓަވައިދެއްވައި، ވީހާވެސް އަވަހަކަށް މި މަޝްރޫޢު ނިންމުމަށް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި"، ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ މަސައްކަތް ރައީސް ވަރަށް ގާތުން ބައްލަވާލަކަން ފާހަގަކުރައްވައި ޝަރީފް ވަނީ ހުރިހާ ރައްޔިތުންނާ ގާތަށް މާލީ ޚިދުމަތްތައް ގެންދިއުމަށް ބޭންކުން ފަށާފައިވާ މަޝްރޫޢަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވައިފައެވެ.

އަދި، މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުކަން ފާހަގަކުރައްވައި ޝަރީފް ވަނީ މި މަޝްރޫޢުގެ މަސައްކަތް ވަރަށް ގާތުން ބައްލަވައި އެއްބާރުލުން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދަށްވެސް ޝުކުރު ދަންނަވައިފައެވެ.

އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަޝްރޫޢުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގައެވެ. ރައީސް ޑރ. މުޢިއްޒުގެ ތަޞައްވުރާއި ޚާއްޞަ އިރުޝާދުގެ ދަށުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތައް ހައްލުކޮށް، ތަނަވަސް އަދި ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC