logoEN
Sto top
ބ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވައިފި

ބ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވައިފި

އަހުމަދު ޝުރާއު

logo

8/14/2025, 12:16:58 PM

# ރައީސް މުއިއްޒު

--

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށް ކަމަށްވާ، ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަނީ މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ތަޢާރަފުކުރައްވާފައެވެ. އަދި އެ އަތޮޅު މާޅޮސް، ފެހެންދޫ، ތުޅާދޫ އަދި ގޮއިދޫގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ރަސްމީގޮތުން ފައްޓަވާފައެވެ.

މާމަޑުއްވަރީ ހިތާދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެ އަތޮޅު އިންނަފުށި ފުޅަދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދަތުރުފުޅުގައި އިޢުލާންކުރައްވާފައެވެ. އަދި ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ދަރަވަންދޫ އެއަރޕޯޓު އަޕްގްރޭޑްކުރެއްވުމުގެ މަސައްކަތް ކުރައްވާނޭކަން އެ މަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުންވެސް އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، އެކި ދާއިރާތަކުން، ތަރައްޤީގެ މަސައްކަތްތައް ފެއްޓެވުމާއި، އެއްބަސްވުންތަކުގައި ސޮއިކުރެއްވުން މި ދަތުރުފުޅުގައި ވަނީ ކުރިއަށްގެންދަވާފައެވެ. އަދި މި ހިނގާ 2025 ވަނަ އަހަރާއި ކުރިއަށް އޮތް އަހަރު، ރަށްރަށުގައި ހިންގެވުމަށް ތާވަލުކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ ރައީސުލްޖުމްހޫރިއްޔާ އެ ރަށްރަށުގެ ރައްޔިތުންނާ ވަނީ ހިއްސާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުގައި، ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމު ޤާއިމުކުރައްވައި، ރައްޔިތުން ބާރުވެރިކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ތަކުރާރުކުރައްވާފައިވެއެވެ. އަދި ތަރައްޤީގެ ތަޞައްވުރު ޙަޤީޤަތަށް ހެދުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލައްވާފައިވެއެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި މި ސަރުކާރުން އަހުމިއްޔަތުކަންދޭ ސިޔާސަތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC