
ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅުއްވި އިސްލާހަކީ ރައްޔިތުންނަށްޓަކައި ގެންނަވާ އިސްލާހެއް - ރައީސް
# ރައީސް މުއިއްޒު-
ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅުއްވި އިސްލާހަކީ ރައްޔިތުންނަށްޓަކައި ގެންނަވާ އިސްލާހެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ދަރަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ފަސް އިސްލާހެއް ހުށަހަޅާފައި އެވެ.. އެގޮތުން ހުށަހެޅި އިސްލާހުގައިވާ ގޮތުން ނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ. އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
މީގެ އިތުރުން އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ.
މި އިސްލާހުތަކާއި ގުޅިގެން މިރޭ ރައީސް ވަނީ މިފަދަ އިސްލާހުތަކެއް ގެންނަވަން ނިންމެވި ސަބަބު ވަރަށް ބޮޑަށް ތަފްސީލްކޮށްދެއްވާފައި އެވެ. އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކަންކަން ކުރައްވާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި ގާނޫނަށް ގެނައި އިސްލާހަކީވެސް ރައްޔިތުންގެ މަންފާއަށްޓަކައި ގެނައި އިސްލާހެއް ކަމަށެވެ.
ކައުންސިލްތަކަކީ އާމްދަނީ ހޯދުމަށް ފުރުސަތުދީފައިވާ ތަނަކަށްވާތީ ދައުލަތަށް ޓެކްސް ދައްކަން ޖެހޭ ކަމަށާއި ކައުންސިލްތަކުން އާމްދަނީން ޓެކްސް ނުދައްކާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލްތަކަށް ލިބޭ އާމްދަނީން ދައުލަތަށް ޓެކްސް ދައްކަން މަޖުބޫރުވާ ގޮތަށް ގާނޫނަށް އިސްލާހެއް ގެނައީ ކައުންސިލަށް ލިބޭ އާމްދަނީން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާތީކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ކުންފުނިތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ރަށްރަށުގައި އާންމު ފަރުދުން ހިންގާ ކުދިކުދި ވިޔަފާރިތައް ހިންގަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ މުއްސަނދިކަމަށް އޮތް މަގުތަކަށް ހުރަސް އެޅޭ ކަމަށެވެ. މިގޮތުން 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށް ކޮންމެ ދާއިރާއަކުން ވެސް ލޯކަލް އޮތޯރިޓީ ކުންފުނިން އިންވެސްޓުކޮށްގެން ވިޔަފާރި ކުރަންވީކަމަށާއި އެވިޔަފާރިތަކުން ހޯދާ ފައިދާ އިން ރައްޔިތުންނަށް ކަންތައް ކޮށްދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ
" ކަންމަތީ ފިހާރަ ނޫނީ އެފަދަ ކަންކަމުގެ ތެރެއަށް އެބަ ވަދޭ. އެހެން ހެދީމައި ރަށުގެ އާންމު ރައްޔިތުންގެ މުއްސަނދިކަމަސް އޮތް މަގުތަކަސް އެ ހުރަސްއެޅެނީ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިހާބާ ކައިރިކޮށް ބައެއް ކައުންސިލްތަކުން ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ރަށްރަށުގެ ބިންތައް ކުއްޔަށް ދެމުންދާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ކުއްލި ގޮތަކަށް ދައުރު ހަމަވާން ކައިރިވީމާ އިތުރު މުވައްޒަފުން މަގާމުތަކަށް ނަގަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން އެކަން ކުރަނީ ސިޔާސީ ބޭނުމަކަށް ކަމަށާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ގާނޫނުގައި ހިމެނީ ވެސް ޗެކް އެންޑް ބެލެންސް ނިޒާމެއް ގެނައުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގެންނަން ހުށަހެޅި އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު "ޗެމްޕިއަން ކުރުމަށް" ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް ގެނައި ނަމަވެސް، މި ނިޒާމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމެއްކަމަށާއި އެ ނިޒާމު ހިންގުމުގައި އަމަލީގޮތުން އުޅެފައިވާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ގުޅުންހުރި

ލާމަރުކަޒީ ޤާނޫނަށް ގައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ރައީސް މުއިއްޒު "އިހުސާސް" ކުރެހުމުގެ މަޢުރަޒު ބައްލަވާލައްވައިފި

ރައްޔިތުންނާ ގާތަށް މާލީ ޚިދުމަތްތައް ގެންދިއުމަށް ބޭންކުން ފަށާފައިވާ މަޝްރޫޢަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމަށް ޝަރީފުގެ ޝުކުރު!
