logoEN
Sto top
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

އަހުމަދު ޝުރާއު

logo

8/12/2025, 11:03:58 AM

# ބ ތުޅާދޫ

--

ބ. ތުޅާދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

Wamco

މި މަޝްރޫއު ރަސްމީކޮށް ފެށީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވުމުންނެވެ. އެގޮތުން މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.

ބ. ތުޅާދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއިއެވެ.

މި މަޝްރޫޢުގެ ދަށުން، 55.40 ހެކްޓަރުގެ ބިން ހިއްކުމާއި، 2804 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި، 1677 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 507.26 މިލިއަން ރުފިޔާއަށް 660 ދުވަސްތެރޭ ނިންމުމަށެވެ.

3000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތުޅާދޫ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ފަތުރުވެރިކަމެވެ. ތުޅާދޫގައި އެއާޕޯޓެއް ތަރައްޤީވެގެން ދިއުމަކީ އެ ރަށުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއްކަމަށް އެމްޓީސީސީން ބުނެއެވެ. މިގޮތުން އެކިއެކި ބޭނުންތަކުގައި ދަތުރުކުރުމުގެ ލުއިފަސޭހަކަން ލިބިގެން ދާނެކަމަށާއި ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ދިއުމާއެކު ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC