%20(2).webp&w=3840&q=75)
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިން އިލްތިމާސްކޮށްފި
# މޫސުމާއިބެހޭ ގައުމީ އިދާރާ-
މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ މޫސުމަށް ސަމާޅުވުމަށް ސިފައިން އިލްތިމާސްކޮށްފި އެވެ.

އެންއެންޑީއެފުން މިއަދު ބުނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށާއި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ރޭގަނޑު ދަތުރުނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އަންނަ ހުކުރު ދުވަހާއި ހަމައަށް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އަދި މިއަދު މެންދުރު ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައި އެވެ.