
މެޓުން ބުނަނީ ބިންހެލުމުގެ އަސަރެއް ނުކުރާނެ ކަމަށް، އާންމުން ބުނަނީ ލޮޅުން އިހްސާސްވިކަމަށް!
# މޫސުމާއިބެހޭ ގައުމީ އިދާރާމިރޭ އިންޑޮނޭޝިއާ ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ބުނި ނަމަވެސް ބިންހެލުމުގެ ލޮޅުން މާލެއަށް ކުރި ކަމަށް ގިނަ ބަޔަކު ބުނެފި އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން 11:41 ހާއިރު 6.2 މެގްނިޓިއުޑްގައި ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާއި 2215 ކިލޯމީޓަރު ދުރުންކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައި އެވެ.
އަދި މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރުކުރާނެ ކަމަށް ނުބެލެވޭކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައި އެވެ.
ނަމަވެސް މި ބިންހެލުމުގެ ލޮޅުން މާލެއަށް އިހްސާސްވި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން މޫސުމާއި ބެހޭ އިދާރާއިން މިރޭ ބިންހެލުމާއި ގުޅިގެން ކުރި ޕޯސްޓަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މާލޭގެ އިމާރާތެއްގެ 8 ވަނަ ފަންގިފިލާގައި ދިރިއުޅޭ މީހަކު ގާފަށް މައުލޫމާތު ދެމުން މިރޭ ބުނީ 10 ވަރަކަށް ސިކުންތައް ލޮޅުން އިހްސާސް ކުރެވުނު ކަމަށާއި އެ އިމާރާތުގެ އެހެން ފަންގިފިލާތަކުގައި ދިރިއުޅޭ މީހުންނަށްވެސް ލޮޅުން އިހްސާސް ކުރެވުނު ކަން އެނގިފައިވާ ކަމަށެވެ.
ބިންހެލުމުގެ ލޮޅުން ރާއްޖެއަށް ކުރި ވަގުތު ގިނަ ބަޔަކު ވަނީ ލޮޅުމެއް އިހްސާސް ކުރެވުނު ކަމަށް މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް ހިއްސާކޮށްފައި އެވެ. އަދި ބޭރުގެ ބައެއް މީޑިއާތަކުންވެސް ދަނީ މި ބިންހެލުމުގެ ލޮޅުން ދަތުރުކޮށްފައި ވަނީ ރާއްޖޭގެ ސަރަހައްދުންކަން ރިޕޯޓުކުރަމުންނެވެ.