
ކާވާ ޗެންޕިއަންސް ލީގު 2025: މުބާރާތުގެ ބްރައުންޒް މެޑަލް ނޭޕާލަށް
# ކާވާ މެންސް ޗެންޕިއަންސް ލީގު 2025# ދިވެހި ކުޅިވަރުނޭޕާލް ޓީމާއި ލަންކާ ޓީމު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ކާވާ
މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި މިއަދު ހަވީރު ކުޅުނު ބްރައުން މެޑަލް މެޗުގައި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އާއި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ބްރައުންޒް މެޑަލް ނޭޕާލް ޓީމުން ހޯދައިފިއެވެ.

މުބާރާތުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު މޮޅުވިއިރު، ބަލިވީ ކިރްގިސްތާނުގެ ބިޝްކެކް އަތުން އެކަންޏެވެ. އަދި ލަންކާ ޕޯޓްސް އޮތޯރެޓީ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، އެޓީމު މޮޅުވީ ދެމެޗުންނެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ނޭޕާލް ޓީމެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނޭޕާލް ޓީމުންނެވެ. އަދި ޖެހިގެންއައި ދެވަނަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލަންކާ ޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ނަމަވެސް ޖެހިގެންއައި ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓް 15-25 އަދި 20-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ވަނީ މުބާރާތުގެ ބްރައުންޒް މެޑަލް ޔަގީންކޮށްފައެެވެމ
17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.