
މާލޭގެ ކެފޭއެއް ބަލާފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
# މޯލްޑިވްސް އިމިގްރޭޝަން-
މާލޭގެ ކެފޭއެއް ބަލާފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓާސްކް ފޯސް އިން އިއްޔެ ހަވީރު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މި ރެއިޑުގައި މާލޭގެ ކެފޭއެއް ބަލައި ފާސްކޮށް، ޖުމްލަ 09 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 01 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކެނޑިނޭޅި މަސައްކައް ކުރަމުން އަންނަ އިރު ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑު ކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން މިމަހުގެ 10ވަނަ ދުވަހު ވަނީ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.
އަދި މި އޮޕަރޭޝަނުން، އެ ތަންތަނުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ކުރަމުން އަންނަ އިރު ޓާސްކް ފޯހުން ދާދީ ފަހުން ވަނީ ހުޅުމާލޭގައި ހުންނަ "ރަށު މާރުކޭޓު" ސަރަހައްދުގައި ރެއިޑް އޮޕަރޭޝަނެއް ހިންގައި 37 ބިދޭސީންވެސް ހައްޔަރުކޮށްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
ގުޅުންހުރި

އުނގޫފާރުން މިހާތަނަށް 300 އަށްވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފި

ހުޅުމާލޭގައި ހިނގި ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އަތުލައިގެންފި

މާލޭގެ ކެފޭއެއް ބަލާފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
