
-
4000 ހައުސިންގ ޔުނިޓްގެ އެއްބަސްވުންތަކުގައި ސޮއިކުރަން މިއަދު ފަށައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައެޅުމާ ގުޅިގެން، އެފްޑީސީއިން އެ ފަރާތްތަކާއެކު، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު އެވެ.
އެގޮތުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާއި ދެމުގެ ގަޑިތަކުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައެވެ.
އެފްޑީސީން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ.
އެގޮތުން ޔުނިޓު ލިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވަން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެފަރާތްތަކަށް އެންގޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވާއިރު، އަންނަނިވި ލިޔެކިޔުންތައް ގެނައުމަށް ސަމާލުކަން ދެއްވުމަށް އެފްޑީސީން އިލްތިމާސްކުރެއެވެ.
- ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު 2 ކޮޕީ
- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު 2 ކޮޕީ
- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި 2 ކޮޕީ
- ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު
- އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް
އެ ކޯޕަރޭޝަނުން 4000 ހައުސިންގ ޔުނިޓް ތަރައްގީކޮށްފައިވާއިރު، މި ޔުނިޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައެވެ. އެގޮތުން، ޔުނިޓުތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހާ، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެފްޑީސީން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމާއި ގުޅޭ ސެޝަނެއް އެފްޑީސީގައި ހިންގައިފި

ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓައެއްނުލާ - އެފްޑީސީ

4000 ހައުސިންގ ޔުނިޓްގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި
