
-
ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއިއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ހޯމަ ދުވަހު ފަށާނެކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.

އެފްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައެޅުމާ ގުޅިގެން، އެފްޑީސީއިން އެ ފަރާތްތަކާއެކު، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް 21 ޖުލައި 2025 ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާއި ދެމުގެ ގަޑިތަކުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަމަށާއި މި ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަން ވަނީ ބަޔާނުގައި ހާމަކޮށްފައި އެވެ.
މިގޮތުން މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.
އެފްޑީސީން ބުނީ ޔުނިޓު ލިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވަން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެފަރާތްތަކަށް އެންގޭނެ ކަމަށާއި އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވާއިރު، އަންނަނިވި ލިޔެކިޔުންތައް ގެނައުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
1- ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
2- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
3- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް
4- ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު
5- އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް
އެ ކޯޕަރޭޝަނުން 4000 ހައުސިންގ ޔުނިޓް ތަރައްގީކޮށްފައިވާއިރު، މި ޔުނިޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައެވެ. އެގޮތުން، ޔުނިޓުތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހާ، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
ބަޔާން ނިންމާލަމުން އެފްޑީސީން ބުނީ ދެމެހެއްޓެނިވި އިޖްތިމާޢީ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އެކޯޕަރޭޝަންގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމާއި ގުޅޭ ސެޝަނެއް އެފްޑީސީގައި ހިންގައިފި

ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓައެއްނުލާ - އެފްޑީސީ

4000 ހައުސިންގ ޔުނިޓްގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި
