
-
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރި ފްލެޓުތައް ހަވާލުކުރުމަށްޓަކައި ފްލެޓު ލިބުނު ފަރާތްތަކުގެ މަޢުލޫމާތު އެފްޑީސީއާއި ޙިއްސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފައި އެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓު ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފްލެޓު ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) އާއި ޙިއްސާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މިގޮތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށާއި އަދި ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެފް.ޑީ.ސީ އިން ކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ.
މީގެ އިތުރުން، އެއްބަސްވުމުގައި ސޮއިކުރުމަށް އެފް.ޑީ.ސީއަށް ފޮނުވާ ފަރާތްތަކަށް އަންގަން ހަމަޖެހިފައިވަނީ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށެވެ.
މިގޮތަށް ޕޯޓަލްއިން ނާންގާ ފަރާތްތަކަށް މިނިސްޓްރީއިން ނުވަތަ އެފް.ޑީ.ސީ އިން ނުގުޅާނެކަމާއި، އަދި އެފަދަ ފޯނު ކޯލުތަކާއި އެސް.އެމް.އެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި އެވެ.
ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމާއި ގުޅޭ ސެޝަނެއް އެފްޑީސީގައި ހިންގައިފި

ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓައެއްނުލާ - އެފްޑީސީ

4000 ހައުސިންގ ޔުނިޓްގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި
