logoEN
Sto top
ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އަހުމަދު ޝުރާއު

logo

7/18/2025, 5:19:12 PM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެގައުމުން ފުރާވަޑައިގެންފި އެވެ.

Wamco

ރައީސް މުއިއްޒު އެގައުމަށް ވަޑައިގެންނެވީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެގޮތުން އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ އާއި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ އެމް.ޕީ އާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ ވެސް ބައްދަލުކުރައްވާފައި އެވެ. މީގެ އިތުރުން އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭ.ޕީ.ޕީ.ޖީ)ގެ ބައްދަލުކުރެއްވުމެއްގައިވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައި އެވެ.

އަދި އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"ގައި ބައިވެރިވެވަޑައިގެން އިނގިރޭސިވިލާތުގެ ވިޔަފާރިތަކުން ދިވެހިރާއްޖޭގައި ވުނަކުރެވިދާނެ މައިގަނޑު ފަސް އިސްތިރާޖީ ދާއިރާއެއްގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެ ފަސް ދާއިރާއަކީ، އުފެއްދުންތެރިކަމާއި ޘަޤާފަތާއި ފިކުރީ މުދަލުގެ މައްޗަށް އެކުލެވޭ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ، ޑިޖިޓަލް ޓްރާންސްފޯރމޭޝަން، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުން އީޖާދީ ބޭނުން ހިފުމުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ބިނާރުގެ ދާއިރާއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ވުނަކުރުމުގެ މާޙައުލު އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ފޮރިން އިންވެސްޓްމަންޓްގެ އާ ޤާނޫނެއް ތަންފީޒުކުރެއްވުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ ހަރަކާތްތައް އަލުން ހިންގަވަން ފެއްޓެވުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ފޯރަމްގައި އެ މަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް "ފްރޮމް މޯލްޑިވްސް" އިފްތިތާޙްކޮށްދެއްވާފައެވެ. މިފަދަ ބްރޭންޑެއްގެ މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމެވެ.

މި ފޯރަމްގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމަރސް އާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ. މި އަހަރަކީ، ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside