
ދިވެހި ރުއްތަކަަށް ގެއްލުންދޭ ސޫފިތައް ކޮންޓްރޯލްކުރަން ޗައިނާއިން އެހީވަނީ
# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ--
ދިވެހިރާއްޖޭގެ ރުއްތަކަަށް ކުރިމަތިވާ ޕެސްޓު ކޮންޓްރޯލް ކުރުމުގައި އެހީތެރިކަންފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތަންފީޒީ އެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި ޗައިނާ އާއިއެކު ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ހިޒްއެކްސެލެންސީ ކޮންގް ޝިއަންހުއާއެވެ.
ޗައިނާ ސަރުކާރާއި ދިވެހިރާއްޖޭގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އިއްތިފާޤުވެގެން އެކުލަވާލެވިފައިވާ، މި ޕްރޮޖެކްޓް މައިގަނޑުކޮށް ބިނާކުރެވޭ އަސާސްތަކަކީ، ދިވެހިރާއްޖެއާއި ޗައިނާއިން 20 ސެޕްޓެމްބަރު 2019ގައި ސޮއިކޮށްފައިވާ 'އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން' އަދި 10 ޖަނަވަރީ 2024ގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ސިޓީތަކުގައި، ޗައިނާ ސަރުކާރުން ޕްރޮޖެކްޓް ހިންގުމަށް އެއްބަސްވެފައިވާ އެއްބަސްވުމަށް ކަމަށް ވުޒާރާއިން ބުނެއެވެ.
2 އަހަރުދުވަހަށް ދެމިގެންދާ މި ޕްރޮޖެކްޓުގެ ފޯކްސްއަކީ ދިވެހިރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމަށްވެސް މުހިންމު ބާވަތެއްކަމުގައި ކަނޑައަޅާފައިވާ ދިވެހި ރުކެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖެއަށް ބޯޑަރުހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.







