logoEN
Sto top
ވިލިނގިލި އުރީދޫ އެންޓެނާއަށް ހޮނު އެޅުމާއި އެކު ގެއްލުންތަކެއް: އެންމެ ބޮޑު ގެއްލުމެއް އެންޓަނާއާއި އިންވެގެން ހުރި ގެއަށް!

ވިލިނގިލި އުރީދޫ އެންޓެނާއަށް ހޮނު އެޅުމާއި އެކު ގެއްލުންތަކެއް: އެންމެ ބޮޑު ގެއްލުމެއް އެންޓަނާއާއި އިންވެގެން ހުރި ގެއަށް!

އަހުމަދު ޝުރާއު

logo

7/8/2025, 12:13:50 PM

# ގއ ވިލިނިގިލި

-

ގއ ގެ ވެރިކަން ކުރާ ވިލިނގިއްޔަށް މިއަދު ހެނދުނު މޫސުން ގޯސްވެ ހޮނު އެޅުމުގެ ސަބަބުން ގެއްލުންތަކެއް ލިބިއްޖެ އެވެ.

Wamco

ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު އެރަށުގައި ހުންނަ އުރީދޫ އެންޓަނާއަށް ވަނީ ހޮނު އަޅާފައި އެވެ. އަދި ހޮނު އެޅުމާއި އެކު އެންޓަނާއާއި އިންވެގެން ހުރި ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން މި ނޫހަށް ވަނީ މައުލޫމާތު ލިބިފައި އެވެ.

ގެއްލުން ލިބުނު ގޭގެ ވެރިފަރާތުން ގާފަށް މައުލޫމާތު ދެމުން ބުނީ މިއަދު ހެނދުނު އެންޓަނާއަށް ހޮނު އެޅުމާއި އެކު ގޭގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި މީގެ ދެތިން އަހަރު ކުރިންވެސް މިފަދަ ކަމެއް ދިމާވެ ހަމަ އެގޭގެ އަގުބޮޑެތި އިލެކްޓްރޯނިކް މުދާތަކަށް ގެއްލުން ލިބިފައިވާ ކަމަށް އެގޭގެ ވެރިފާރާތުން ފާހަގަކުރި އެވެ.

އެގޭގެ ވެރިފަރާތުން ތުހުމަތު ކުރާގޮތުގައި އުރީދޫގެ އެންޓެނާ ހުރީ އެންމެ ރައްކާތެރި ފިޔަވަޅުތައް ނޭޅި އެވެ. މީގެ ދެ ތިން އަހަރު ކުރިންވެސް ހޮނު އެޅުމާއެކު އެގޭގެ މުދާތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އޭގެ މައުލޫމާތު އުރީދޫއިން ނެގުމަށްފަހު މިއަދާ ހަމައަށްވެސް ގެއްލުމުގެ ބަދަލު ދީފައި ނުވާކަން އެފަރާތުން ފާހަގަކުރި އެވެ. މިކަން ވިލިނގިލީ ކައުންސިލް ރައީސް ވިޝާލް މުހައްމަދު ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ހޮނު އެޅުމުން މިހާ ބޮޑެތި ގެއްލުންތަކެއް ވެފައިވަނީ އުރީދޫ އެންޓަނާގައި ހުންނަން ޖެހޭ ވަރަށް ސަލާމަތީ ކަންކަން ފުރިހަމަވެފައި ނެތުމުން ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައި އެވެ. އެގޮތުން މީގެ ކުރީން އެންޓަނާގެ ކޭބަލެއް ވަގަށް ނެގުމުގެ ސަބަބުން "އާތު" މައްސަލަ މިހާރުވެސް ދިމާވަމުން އަންނަ ކަން ގޭގެ ވެރިފަރާތުން ވަނީ ފާހަގަކޮށްފައި އެވެ.

ގާފު ނޫހަށް މައުލޫމާތު ދެއްވަމުން, ގއ ވިލިނިގލީ ކައުންސިލްގެ ރައީސް ވިޝާލް ވިދާޅުވީ މިއަދު ހެނދުނު އެރަށަށް ހޮނު އެޅުމުގެ ސަބަބުން ގިނަ ގެތަކަކަށް ގެއްލުންތަކެއް ވެފައިވާކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެންޓެނާއާ އިންވެގެން ހުރި ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވިޝާލް ވިދާޅުވި އެވެ. އަދި މި ހާދިސާގައި އެހެން ބައެއް ގެތަކަށްވެސް ގެއްލުން ލިބިފައިވާއިރު, ލިބުނު ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިޝާލް ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC