
-
ކައުންސިލްތަކުގެ ބެލެނެވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަރމަންޓު އޮތޯރިޓީއިން ހިންގާ އިންކުއަރީތަކުގެ ރިޕޯޓުތައް އާންމުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މިކަން ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކައުންސިލްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ.
ވަޒީރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެލްޖީއޭއިން ހިންގާ ކައުންސިލްތަކުގެ އިންކުއަރީތަކުގެ ސަމަރީ ރިޕޯޓުތައް ކުރިމަގުގައި އާންމުކުރާގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.
އަދި މިގޮތަށް ނިންމެވީ އެލްޖީއޭގެ ޓްރާންސްޕޭރެންސީ އިތުރުކުރުމަށާއި ކައުންސިލްތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި ގުޑް ގަވަނަންސްގެ ހަމަތައް ދަމަހައްޓަން ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
ކައުންސިލްތަކާއި ގުޅޭގޮތުން އާންމު ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބެލުމުގެ ޒިންމާ ހަވާލުވެފައިވަނީ އެލްޖީއޭއާއިއެވެ. އެގޮތުން ދާދި ފަހުންވެސް އެލްޖީއޭއިންވަނީ ތިނަދޫ ސިޓީ ކައުންސިލާއި ގުޅޭ ބޮޑު އިންކުއަރީއެއް ކުރިޔަށް ގެންގޮސްފައި އެވެ. އަދި އެންކުއަރީގައި ފާހަގަކުރެވުނު ކަންކަމާއި ގުޅިގެން ތިނަދޫ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ވަނީ ސަސްޕެންޑުވެސް ކޮށްފައިއެވެ.
ތިނަދޫގެ މޭޔަރާއި ޑެޕިއުޓީ މޭޔަރާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި ގުޅިގެން އެދެފަރާތުން މިހާރު ވަނީ ސިވިލް ކޯޓަށްވެސް މައްސަލައެއް ހުށަހަޅާފައި އެވެ.