logoEN
Sto top
އެމްއެމްޕީއާރްސީގެ ބަސް: މާލީ ހާލަތު ގޯސްކުރީ " ކުރީ ސަރުކާރުން"!

އެމްއެމްޕީއާރްސީގެ ބަސް: މާލީ ހާލަތު ގޯސްކުރީ " ކުރީ ސަރުކާރުން"!

އަހުމަދު ޝުރާއު

logo

7/3/2025, 11:11:14 AM

# އެމްއެމްޕީއާރުސީ

--

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރާ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މާލީ ގެއްލުމުގެ ހާލަތުގެ މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޖަމާވެފައިވާ މާލީ ގެއްލުން ކަމަށް އެކުންފުނީން ބުނެފި އެވެ.

Wamco

އެމްއެމްޕީއާރްސީން މިފަދައިން ބުނީ އެކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ރިޕޯޓެއް ނެރުމާއި ގުޅިގެން މިއަދު ނެރުނު ޚާއްސަ ނޫސްބަޔާނެއްގައި އެވެ.

އެކުންފުނީން ބުނީ ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރާ ކުންފުނީގެ ހައިސިއްޔަތުން، އެރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ފާޅުކުރަމުންދާ ކަންބޮޑުވުންތައް ސީރިއަސްކޮށް ބަލައިގަނެ، ހާމަކަން ބޮޑުގޮތެއްގައި ޖަވާބުދާރީވަމުން ގެންދާނެކަމަށެވެ. އެގޮތުން ކުންފުނީގެ މާލީ ގެއްލުމުގެ ހާލަތުގެ މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޖަމާވެފައިވާ މާލީ ގެއްލުން ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެގޮތުން ކުރީ ސަރުކާރުގެ ހަތަރު އަހަރުގެ މާލީ ރެކޯޑުތަކުން ދައްކާގޮތުގައި ޖުމްލަ 203,891,026 ރުފިޔާގެ މާލީ ގެއްލުމެއް ކޯޕަރޭޝަނަށް ލިބިފައިވާކަން ހާމަކޮށް އެކުންފުނީން ވަނީ 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ދެމެދު އެކުންފުންޏަށް ލިބުނު ގެއްލުންތަކުގެ ތަފްސީލްތައް ހާމަކޮށްފައި އެވެ.

  1. 2020: 1،624،866- ރުފިޔާ
  2. 2021: 141،977،908- ރުފިޔާ
  3. 2022: 42،290،590- ރުފިޔާ
  4. 2023: 17،997،662- ރުފިޔާ

އެމްއެމްޕީއާރްސީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓު ބިނާވެފައިވަނީ ފާއިތުވި ހަ އަހަރުގެ މާލީ ހިސާބުތަކުގެ މައްޗަށް ކަމަށާއި އެހެންނަމަވެސް، މި ފާއިތުވި އަހަރުދުވަހުގެ ތެރޭގައި އެ ކޯޕަރޭޝަނުގެ މަސައްކަތްތައް ހިންގުން އިޞްލާޙުކޮށް، އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ރަނގަޅު މަގަކަށް ވާސިލުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންކަން ރައްޔިތުންނަށާއި، ސްޓޭކްހޯލްޑަރުންނަށް ޔަޤީންކަން އަރުވާ ކަމަށެވެ.

މާލީ ގޮތުން ބަލާއިރު، މިހާރު ހިނގަމުންދާ ޚަރަދުތައް %10 ކުޑަކުރެވިފައިވާ ކަމަށާއި އެ ކޯޕަރޭޝަނުން ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަރޝިޕްތަކުގެ ފުރިހަމަ އެސެސްމެންޓެއް ހަދައި، ޕާފޯމަންސް ރިވިއުގެ މައްޗަށް ބިނާކޮށް ޕީ.އާރ އެޖެންސީތަކުގެ ޢަދަދު 21 އިން 6 އަށް ކުޑަކުރެވިފައިވާކަންވެސް އެމްއެމްޕީއާރްސީން ހާމަކުރެއެވެ. އެގޮތުން ހަމައެކަނި މި މަސައްކަތުގެ ސަބަބުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވާކަމަށް ވަނީ ބުނެފައި އެވެ.

ކުރިން އެ ކޯޕަރޭޝަނުގެ ބަޖެޓުގެ ގާތްގަނޑަކަށް %80 ބޭނުންކުރަމުން އައީ ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށް ކަމަށާއި ނަމަވެސް މިހާރު އެ ކޯޕަރޭޝަނުން މި ޚަރަދު ރީސްޓްރަކްޗަރކޮށް، %34 ދަށްކޮށްފައިވާކަމަށްވެސް ވަނީ ބުނެފައި އެވެ. އަދި ބައިވެރިވާ ކޮންމެ ބޮޑު ހަރަކާތަކުން ވެސް، އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ ސަލާމަތްކުރަމުން ދާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި އެކުންފުނީގެ ބައިވެރިވުމާއި ވިޒިބިލިޓީ ކުރިއެކޭ އެތްގޮތައް ދަމަހައްޓަމުންދާ ކަމަށާއި މިއީ އިންޑަސްޓްރީ ޕާޓްނަރުންގެ ތަރުހީބު ލިބިގެންދިޔަ ބަދަލެއްކަމުގައިވެސް އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ.

އެމްއެމްޕީއާރްސީން އިތުރަށް ބުނީ ސްޓްރެޓީޖިކް މާކެޓިންގ ޕްލޭންގެ ދަށުން، މިވަގުތު 21 އަށްވުރެ ގިނަ ޢަދަދެއްގެ ކެމްޕެއިންތައް ކުރިއަށް ގެންދެވޭ ކަމަށާއި އަދި މީގެ އިތުރުން، ބައިނަލް އަޤްވާމީ ޓުއަރ އޮޕަރޭޓަރުންނާއި އެއަރލައިންތަކާއެކު ޑޮލަރ-ޓު-ޑޮލަރ ޕާޓްނަރޝިޕްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ކާމިޔާބުކަމާއެކު ހޯދާފައިވާކަމަށެވެ. މިފަދަ ކެމްޕެއިންތަކުގެ ސަބަބުން، ބަވަނަވަމުންދާ ދުނިޔޭގެ ދަތުރުފަތުރުގެ މާޙައުލުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ވާދަވެރި މަޤާމު ދެމެހެއްޓުމަށް މި ބާވަތުގެ ޕާޓްނަރޝިޕްތައް ވަރަށް މުހިންމު ދައުރެއް އަދާކުރާކަންވެސް އެކުންފުނީން ފާހަގަކުރެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޓޮޕް ދިހަ މާކެޓުތަކުން އަހަރުން އަހަރަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން ހާމަކޮށް އެމްއެމްޕީއާރްސީން ބުނީ ޚާއްޞަކޮށް މިދިޔަ އަހަރު %39 ދަށަށް ގޮސްފައިވާ އިންޑިއާގެ މާކެޓަށް މިއަހަރު ވަނީ %4 ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ރަޝިއާ، އިނގިރޭސިވިލާތް، އަދި ޗައިނާ ފަދަ މުހިންމު މާކެޓުތަކުން ވެސް ރެކޯޑު ޢަދަދެއްގެ ސާރޗް އިންޓްރެސްޓާއި ޑިމާންޑް ފާހަގަކުރެވެމުންދާކަމަށެވެ. މިގޮތުން ގޫގުލް ޓްރެންޑްސްއިން ދައްކާ ގޮތުގައި، ޔޫރަޕާއި އޭޝިއާގައި ދިވެހިރާއްޖޭގެ މަޢުލޫމާތު ހޯދާ މީހުންގެ އަދަދު 1000% ވަނީ އިތުރުވެފައިވެއެވެ.

އަވަށްޓެރި ވާދަވެރި އެހެން މަންޒިލްތަކުގެ މާކެޓިންގ އިދާރާތަކަށް، އެ ޤައުމުތަކުގެ ސަރުކާރުން ފުރިހަމަ ސަބްސިޑީ ދެމުންދާއިރު، އެ ކޯޕަރޭޝަން ހިންގަމުންދަނީ މާލީ ގޮތުން ވަރަށް ތަފާތު ޙާލަތެއްގައިކަން އެމްއެމްޕީއާރްސީން ބުނެއެވެ.

"ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ސިނާއަތަށްވުމާއިއެކު، ވާދަވެރި، ފަތުރުވެރިންގެ ޝައުޤުވެރިކަން ލިބޭ، ދުނިޔޭގެ ކަންކޮޅުތަކުގައި ވިޒިބިލިޓީ ވަރުދަގަ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އިންވެސްޓްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ."

އެ ކޯޕަރޭޝަނުގައި ބަޖެޓުގެ ދަތިކަން ހުރި ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއިން ދަނީ ރެކޯޑު އަދަދެއްގެ ކުރިއެރުންތައް ހޯދަމުންކަން ފާހަގަކޮށް އެމްއެމްޕީއާރްސީން ބުނީ ފާއިތުވި އަހަރު، ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ކަމަށާއި އަދި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން އެމެރިކާ ޑޮލަރުގެ ޓޫރިޒަމް ރިސީޓްސް ލިބިފައިވާކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ޙާޞިލްކުރެވުނު ލަނޑުދަނޑިއެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައި އެވެ.

ހަމައެހެންމެ މި ހިނގާ އަހަރުގެ 1 މިލިއަން ފަތުރުވެރިންގެ އަމާޒު އެހެން އަހަރުތަކަށްވުރެ ކުރިން ވަނީ ޙާޞިލްކުރެވިފައިވާ ކަމަށާއި 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިންގެ އަދަދާއި އާމްދަނީގެ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ މަސައްކަތުގައި އެ ކޯޕަރޭޝަނުން ދެމިތިބިކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.

އެ ކޯޕަރޭޝަންވަނީ ޒަމާނީ، ޑޭޓާއަށް ބިނާކޮށް މަސައްކަތްކުރާ ފަތުރުވެރިކަމުގެ ބޯޑަކަށް ހަރުދަނާކަމާއެކު ތަރައްޤީވެފައިވާކަން ފާހަގަކޮށް ބުނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އެ ކޯޕަރޭޝަނުން ފުރަތަމަ ފަހަރަށް މޯލްޑިވްސް ޑޭޓާ ފޯރަމް ބާއްވައި، އިންޑަސްޓްރީ ސިމްޕޯޒިއަމްއެއް ހިންގައި، އަދި ޕްރައިވެޓް ސެކްޓަރއާއެކު އެކި ބާވަތުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ.

ކުރިއަށް އޮތް 6 މަސް ދުވަހަކީ ފަތުރުވެރިކަމުގައި ދިވެހިރާއްޖެއަށް ބޮޑު ބަދަލުތަކެއް އަންނާނެ ދުވަސްތަކެއްކަން ފާހަގަކޮށް އެމްއެމްޕީއާރްސީން ބުނީ އެކޯޕަރޭޝަނުން މިހާރު ތައްޔާރުވަމުން މިދަނީ ލިވަރޕޫލް އެފްސީއާ އެކު ތާރީޚީ ބައިނަލްއަޤްވާމީ ކެމްޕޭނެއް ފެށުމަށް ކަމަށެވެ. މިއާއެކު، އެކި ބާވަތުގެ ބޮޑެތި ވީޑިއޯ އެކްޓިވޭޝަންތަކާއި ބްރޭންޑް ކޮލަބޮރޭޝަންތައްވެސް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ.

އަދި ގްލޯބަލް އެމްބެސެޑަރ ޕްރޮގްރާމްވެސް ފުޅާކުރުމުގެ ގޮތުން، މިހާރު 4 އެމްބެސެޑަރުން ޢައްޔަންކުރެވިފައިވާއިރު، ޖެނެރޭޝަން ޒީގެ ދަތުރުފަތުރުގެ ޓްރެންޑް ކަނޑައަޅާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ޕްރޮޑަކްޝަން ހައުސްތަކާއެކު އިތުރަށް ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށާއި މީގެ އިތުރުން، ރާއްޖެ މާކެޓްކުރުމަށް އެހީތެރިވެދޭނެ ލޯކަލް ބްރޭންޑް އެމްބެސެޑަރުން ޢައްޔަންކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މި މަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ބައިނަލްއަޤްވާމީ ޓާމިނަލް ހުޅުވުމާއެކު، އެއަރލައިން ޕާޓްނަރުންގެ ދަތުރުތަކުގެ އަދަދު އިތުރުވާނެ ޔަޤީންކަން އެބައޮތްކަމަށް އެމްއެމްޕީއާރްސީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ އަދި މި އެއަރލައިންތަކާއެކު އެ ކޯޕަރޭޝަނުން ހިންގާ ކެމްޕެއިންތަކުން، އަމާޒުކުރެވިފައިވާ މާކެޓްތަކުގައި އިތުރަށް ޑިމާންޑް އުފެއްދުމަށް މަގުފަހިވެގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.

އެމްއެމްޕީއާރްސީން ބުނީ ކުރިއަށްއޮތް އެ ކޯޕަރޭޝަނުގެ އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރުގެ އޮޑިޓްކުރެވިފައިވާ މާލީ ބަޔާންތައް ހިމެނޭހެން އިތުރު ތަފްސީލުތައް ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށާއި މި ބަޔާންތަކުން އެމް.އެމް.ޕީ.އާރު.ސީގެ މާލީ ހަރުދަނާކަމާއި، އިސްލާހުތަކާއި، އަދި ހިންގުމާއި ބްރޭންޑިންގ ދާއިރާގައި ގެންގުޅޭ އައު ޕްލޭންތައް ޙިއްޞާކުރެވިގެންދާނެ ކަމަށެވެ.

ބަޔާން ނިންމާލަމުން އެމްއެމްޕީއާރްސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ފަތުރުވެރިކަމުގެ ދާއިރާއަށާއި ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ކަމަށާއި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ، ރެޒިލިއަންޓް އަދި މުސްތަޤްބަލަށް ތައްޔާރުވެފައިވާ މަންޒިލަކަށް ހެދުމުގައި އެ ކޯޕަރޭޝަނުން މަސައްކަތްކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside