
-
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށްޓަކައި ރާއްޖޭގެ ގްލޯބަލް ޓުއަރިޒަމް އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.

އެމްއެމްޕީއާރުސީން މިއަދު ބުނީ އެ ޕާޓްނާޝިޕްގެ ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރަން ދުނިޔޭގެ ގިނަ ޓޫރިސްޓުންނަށް ހިތްވަރު ދިނުން ކަމަށެވެ.
އަދި ކެޓްރީނާއަކީ ދުނިޔޭގެ އެކި ކަންކޮޅުގައި އެތައް ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ފަންނާނެއް ކަން ފާހަގަކޮށް އެމްއެމްޕީއާރްސީން ބުނީ ބޮލީވުޑްގެ އެންމެ އަގު ބޮޑު އެއް ތަރީގެ ގޮތުގައި ފާހަގަކުރެވޭ ކެޓްރީނާއަކީ ކާމިޔާބު އެތައް ފިލްމެއް ކުޅެ، ބޮލީވުޑުގައި އެންމެ މަޤްބޫލު އަންހެން ތަރިންގެ ތެރެއިން ގުނާލެވޭ މި ދާއިރާއިން ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ފަންނާނެއް ކަމަށެވެ. އަދި އެނާއަކީ ކުޅަދާނަ އަންހެން ވިޔަފާރިވެރިއެއްކަންވެސް އެމްއެމްޕީއާރްސީން ވަނީ ފާހަގަކޮށްފައެވެ.
މި ޕާޓްނާޝިޕާއި ގުޅޭގޮތުން ކެޓްރީނާ ބުނީ ދިވެހި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ އޭނާއަށް ލިބުނު ފަޚުރެއް ކަމަށެވެ. އޭނާ ބުނީ ރާއްޖެ ތަމްސީލުކުރަނީ ޤުދުރަތީ ރީތިކަމާއި މަތީ ފަންތީގެ ޚިދުމަތް ކަމަށްވާއިރު، ރާއްޖެ ތަފާތުވާގޮތް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ކިޔައިދީ ރާއްޖެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ކެތް މަދުވެފައިވާ ކަމަށެވެ.
ކެޓްރީނާ އަކީ ރާއްޖެއަށް ވަރަށް ގިނައިން ޒިޔާރާތްކުރާ ތަރިއެކެވެ. އޭގެ ތެރޭގައި ޗުއްޓީ ދަތުރުތަކަށާއި ފޮޓޯ ޝޫޓްތަކަށް މީގެ ކުރީން ކެޓްރީނާ ވަނީ ވަރަށް ގިނައިން ރާއްޖެ ޒިޔާރާތްކޮށްފައެވެ. މީގެ އިތުރުން ކެޓްރީނާގެ ކެރިއަރުގެ ވަރަށް ކުރީކޮޅު ސަލްމާން ޚާނާ އެކު ކުޅުނު ފިލްމު "މޭނޭ ޕިޔާރު ކިޔު ކިޔާ" ގެ ލަވައެއްވެސް ކެޓްރީނާ ވަނީ ސަލްމާން އާއިއެކު ރާއްޖޭގައި ޝޫޓްކޮށްފައެވެ.
ގުޅުންހުރި

އެމްއެމްޕީއާރްސީގެ ބަސް: މާލީ ހާލަތު ގޯސްކުރީ " ކުރީ ސަރުކާރުން"!

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އެމްބެސެޑަރުކަން ކެޓްރީނާއަށް!

ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރުވަން އެމްއެމްޕީއާރްސީއިން އެމެރޭޓްސް އާއި ގަތަރު އެއާވޭސްއާއި އެކު އެއްބަސްވެމެއް!
