
-
މާލެ ސިޓީ ކައުންސިލުން، ވިލިމާލޭގައި ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ވިލި މާލެގައި، މި ޕާކް ތަރައްޤީ ކުރަނީ، މާލެ ހިނގުމުގައި (މޯލްޑިވްސް އިސްލާމިކް ބޭންކާއި ވިނޯވާ ކެފޭއާ ދޭތެރޭ) އޮންނަ ހުސްބިމުގައެވެ.
ވެލްކަމް ޕާކުގައި، މިހާރު ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ، ޕާކަށް ވަންނަ ދޮރާއި ސިޑި ތައްޔާރު ކުރުމާއި، ވީލްޗެއާގައި ފަސޭހައިން ވަދެ ނިކުމެވޭގޮތަށް ސްލޯޕް ލުމާއި، ވޯކްވޭ ހަދައި ކާރބް ސްޓޯން އެތުރުމުގެ މަސައްކަތެވެ. އަދި 50 އަށް ވުރެ ގިނަ ސައިމާ ގަހާއި، އެކި ކުލަކުލައިގެ މާގަހުން ޒީނަތްތެރި ކުރުމަށް ވަނީ ފަރުމާ ކުރެވިފައެވެ.
ވެލްކަމް ޕާކް ތަރައްޤީކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ''ވިލި މާލެ އަކީ، މާލެސިޓީގެ އިޚުތިޞާސްތެރޭގައި ހިމެނޭ، ތިމާވެށްޓާ އެންމެ ރައްޓެހި، ހިތް ފަސޭހަ އަވަށް. އެހެންކަމުން، ވިލި މާލޭގައި ދިރިއުޅުއްވާ ރައްޔިތުން ހިތްހަމަޖެހުމާއި އުފަލާއެކު އުޅޭވޭނެ އަވަށަކަށް، އެ އަވަށް ހެއްދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް''
މިޕާކަށް "ވެލްކަމް ޕާކު"ގެ ނަމުން ނަންދެވިފައި ވަނީ މިޕާކަކީ ވިލިމާލެއަށް އަރައިގެން އަންނައިރު އެންމެ ފުރަތަމަ ފެންނަ ޕާކުކަމަށް ވެފައި، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއި އަދި ކުޑަކުދިންނާއި އާއިލާއާއިއެކު ޕިކްނިކް ފަދަ ކަންކަމު ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެ ފުރަތަމަ މަރްޙަބާ ކިޔާ ޕާކަށް ވާތީއެވެ. އަދި އެތައް ބަޔަކު ހިތްހަމަ ޖައްސާލައި، އަރާމުކޮށްލުމަށް އެންމެ ފުރަތަމަ ތައްޔާރު ކުރެވުނު ޕާކުކަމަށްވެސް ވާތީއެވެ.
މާލެ ސިޓީ ކައުންސިލުން ތަރައްޤީ ކުރަމުން އަންނަ މި ޕާކުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.
ވެލްކަމް ޕާކުގެ އިތުރުން މާލެ ސިޓީ ކައުންސިލުން އަންނަނީ، ވިލިމާލޭގައި އިތުރު މައިޒާނެއް ވެސް ތަރައްޤީ ކުރަމުންނެވެ. މި މައިޒާން ތަރައްޤީ ކުރަމުން އަންނަނީ، ވިލިމާލެ ފެރީޓާރމިނަލް ކުރިމަތީގައެވެ. މީގެ ކުރިންވެސް ހަމަ އެސަރަހައްދުގައި ވަނީ ހިތްފަސޭހަ މައިޒާނެއް ތަރައްޤީކޮށްފައެވެ.
ވިލިމާލޭގައި ހިތް ފަސޭހަ އިތުރު މައިޒާނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު، ދާދި ފަހުން ކައުންސިލުން ވަނީ، މުޅި ވިލި މާލެ ސާފުކުރުމުގެ މަސައްކަތް، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފައެވެ. މުޅި ވިލިމާލެ ސާފުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން، ވިލިމާލޭގައި ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ، ކާނުތައް ސާފުކުރުމާއި ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސާފުކޮށް އަދި ވިލިމާލޭގެ ހުސްބިންތައް ސާފުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން ވިލިމާލެ ސާފުކޮށް ބޭއްވުމަށްޓަކައި މެދުނުކެނޑި ކޮންމެ ހަފްތާއަކު މުޅި ވިލިމާލެއިން ބަލްކު ކުނި ނަގައި ސާފު ކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ރާވައި ފަށާފައެވެ.
ވިލިމާލޭގެ ހުސް ބިންތައް ސާފު ކުރުމަށް ފަހު، ކައުންސިލުން ނިންމާފައި ވަނީ، އެ ބިންތަކުގައި، ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން، މޭވާއާއި ތަކުރާރީ ގަސްތައް ވެސް އިންދުމަށެވެ.
މި ކަންކަމުން އެނގި ހާމަވަމުންދަނީ، މާލެ ސިޓީގެ ރައްޔިތުންގެ ހިތްހަމަޖެހުމާއި، ފަސޭހައާއި، ލާބައާއި، މަންފާއަށް ޓަކައި، ކުރަމުންދާ މަސައްކަތުގައި، މޭޔަރ ޢާޒިމްގެ ތަރައްޤީގެ ދުރުމި، ވިލިމާލެއަށް ވެސް އަމާޒު ވެފައިވާކަމެވެ.
ގުޅުންހުރި

ވިލިމާލޭގައި "ވެލްކަމް ޕާކް" ގެ ނަމުގައި ޕާކެއް ތަރައްޤީކުރަނީ

މޭޔަރސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓަށް މާލެ ސިޓީ ކައުންސިލްގެ ވަފުދެއް އޮސްޓްރިއާއަށް!

މާލެ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި
