
-
މިދިޔަ ހުކުރު ދުވަހު އަށް މަހުގެ ތުއްތުކުއްޖަކު ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އެކުއްޖާގެ އާއިލާއިން ތުހުމަތުކޮށްފި އެވެ.

އެންމެ އަށް މަހުގެ ތުއްތުކުއްޖާގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނި ޑޮކްޓަރަށް ދައްކަން އާއިލާއިން ދިޔައީ މިމަހުގެ 20ވަނަ ދުވަހުގައެވެ. އެދުވަހު ޑޮކްޓަރަށް ދެއްކުމުން އެކުއްޖާ އެޑްމިޓް ކުރެވުނެވެ. އެއަށްފަހު ފަރުވާދިނުމުގެ މަސައްކަތް ހޮސްޕިޓަލުން ފެށިއެވެ.
ހޮސްޕިޓަލުން ދިން ފަރުވާއެއްގެ ސަބަބުން އެޑްމިޓްކުރިތާ ދެދުވަހެއްގެ ތެރޭގައި އެކުއްޖާގެ ހާލަތުގޯސްވެ, ހަށިގަނޑު ފުފުނީއެވެ. އެކަމާއި ގުޅިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށް ސުވާލުކުރުމުން އެއީ އިންފެކްޝަނެއް ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް އާއިލާއާ ހިއްސާކޮށްފައެއް ނުވެއެވެ. ކުއްޖާގެ ހާލަތު މިހާ ގޯސްވެގެން ދިޔައިރުވެސް ކުއްޖާގެ ހާލަތު ބެލުމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް އައިސްފައެއް ނުވެއެވެ.
ތިންވަނައަށްވި ދުވަހު, އެކުއްޖާގެ ހާލަތު މަޑުމަޑުން ރަނގަޅުވާން ފެށި އެވެ. އަދި އޭގެ ކުރިން ހަށިގަނޑު ފުފުނީ 'ލިވާ އެންޒައިމް' މަތިވެގެން ކަމަށް އެކުއްޖާ ބެލި މެޑިކަލް އޮފިސަރު ބުނި ކަމަށް އާއިލާއިން ބުނެފައިވެއެވެ.
އާއިލާގެ ފަރާތުން "ގާފު އޮންލައިން" އާ މައުލޫމާތު ހިއްސާކުރި ފަރާތުން ވަނީ, ހޮސްޕިޓަލުން އެކުއްޖާއަށް ފަރުވާ ދިނުމުގައި އަމަލުކުރިގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން, އެ ކުއްޖާގެ ހާލަތުބެލުމަށް ކޮންމެ ދުވަހަކު ހެނދުނު މެޑިކަލް އޮފިސަރެއް އައި ނަމަވެސް އެކުއްޖާގެ ބަލިހާލަތާ ގުޅޭގޮތުން މާ ބޮޑު މައުލޫމާތެއް އާއިލާއާ ހިއްސާކޮށްފައިނުވާ ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. އަދި ކުއްޖާގެ ހާލަތު ގޯސްވި އިރުވެސް އައިސީޔޫއަށް ބަދަލުކުރުމަށްވެސް ހޮސްޕިޓަލުން އިންކާރުކޮށްފައިވާއިރު, ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެދުމުންވެސް ޑޮކްޓަރު ބިޒީކަމަށް ބުނެ ޖަވާބުދީފައިވާ ކަމަށެވެ.
އާއިލާއިން ބުނީ ބުދަ ދުވަހު(އެޑްމިޓްކުރިތާ 5ވަނައަށް ވި ދުވަހު) ކުއްޖާގެ ހާލަތު ގޯސްވެގެން ސްކޭން އެއް ހަދަން ރިކުއެސްޓްކުރުމުން, ކުރިއަށް އޮތީ ސަރުކާރު ބަންދު 3 ދުވަސްކަމަށްބުނެ ސްކޭންވެސް ހައްދައިނުދިން ކަމަށެވެ.
އެންމެފަހުން އާއިލާއިން އާއިލާއިން ހޮސްޕިޓަލުގައި 'ހަޅޭއްލަވައި' ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ގެންނަން އެދުމުން ފަސްވަނައަށްވި ދުވަހު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު އެކުއްޖާ ބެލި އެވެ. އަދި ބެލުމަށްފަހު ކުއްޖާގެ ލިވަރ ފެއިލް ވަނީ ކަމަށާއި, އިމަޖެންސީގައި ރާއްޖެއިން ބޭރުން ފަރުވާހޯދުމަށް ފުރަންޖެހޭކަމަށް އެ ޑޮކްޓަރު އާއިލާއަށް އެންގި އެވެ.
އާއިލާއިން ބުނީ އެކުއްޖާއަށް ފަރުވާދިން ވޯޑުގައި ޑިފިބްރިލޭޓަރެއް ނެތް ކަމަށާއި, އެކުއްޖާގެ އަނގައާއި ނޭފަތުން ލޭ އަންނަމުންދިޔައިރުވެސް އާއިލާގެ ނުރުހުމުގައި އެކުއްޖާއަށް ސީޕީއާރުދެމުން ދިޔަކަމަށެވެ. ކުއްޖާއަށް އާސަންދަ ހަމަޖެހި ބޭރަށްފުރުމަށް ހުރިހާ ކަމެއް ހަމަޖެހުނީ ކުއްޖާ ނިޔާވިތާ ދިހަމިނެޓްފަހުން ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ. އަދި ހޮސްޕިޓަލުން ދިން މަރު ސެޓިފިކެޓްގައި އެކުއްޖާ ނިޔާވީ ލިވަރ ފެއިލްވިކަމަށް ޑައިގްނޯސްވިތާ 7 ދުވަސް ފަހުންކަމަށް ލިޔެފައިވީނަމަވެސް ހާއްސަ ޑޮކްޓަރުބެލުމާ ހަމައަށްވެސް ކުއްޖާގެ ހާލަތު އައިޖީއެމްއެޗް އިން އާއިލާއާ ހިއްސާކޮށްފައިނުވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އައިޖީއެމް ހޮސްޕިޓަލުގެ އިހުމާލުން އެތައް ބައެއްގެ ފުރާނަ ވަނީ މި ދުނިޔެއިން ނިމިގެން ގޮސްފައެވެ. މިފަދަ އިހުމާލުގެ ވާހަކައެއް ނުދެއްކޭ ދުވަހެއް މަދުވާނެ އެވެ. ބައެއް މައްސަލަތަކުގައި ފިޔަވަޅު ފިޔަވަޅުއަޅާފައިވީ ނަމަވެސް މިހާތަނަށް މިކޭސް އާ ގުޅިގެން ހެލްތު މިނިސްޓްރީ އަދި އައިޖީއެމް ހޮސްޕިޓަލުންވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ގުޅުންހުރި

8 މަހުގެ ތުއްތު ކުއްޖާ ނިޔާވީ ލިވަރ ފެއިލްވެގެން, އައިޖީއެމްއެޗް ގެ އިހުމާލުން!

ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ލިބޭނެ ގޮތް ހެދުމަށް އައިޖީއެމްއެޗުން އައިނު ވިޔަފާރިއަށް ވަންނަނީ
.jpg&w=3840&q=75)
އެންއައިސީޔޫގެ ތެރެއިން އެމްޑީއާރްރޯގެ ކޭސްތަކެއް: މިހާރު ކޮންޓްރޯލް ކުރެވިއްޖެ - އައިޖީއެމްއެޗް
