
--
ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ހޯދުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫގައި އިއްޔެ ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި 80 އަށްވުރެ ގިނަ ބިދޭސީން އަތުލައިގެންފި އެވެ.

"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި އިއްޔެ ކުރިޔަށްދިޔަ ރެއިޑް އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރެވުނު ހާއްސަ މަސައްކަތެކެވެ. އައްޑޫ ސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނެއްކަމުގައިވާތީ، މި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންނެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އައްޑޫގައި ހިންގި އޮޕަރޭޝަންގައި 678 ބިދޭސީން ހުއްޓުވައި ފާސްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 83 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތް ކުރުވަމުންދިޔަ 75 ފަރާތަކަށް ނޯޓިސް ދީފައިވާ ކަމަށެވެ.
ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ރެއިޑު އޮޕަރޭޝަންގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވިއެވެ. އަދި އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވިއެވެ.
އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކޮށް، ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި މަސައްކަތްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.