
އެމްސީބީ އަތުން ޓްރާންސްޕޯޓް މޮޅުވިއިރު، ދެޓީމުގެ ތަފާތަކީ އައުޝާ
# ދިވެހި ކުޅިވަރު # ވަން ގޭމް އިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތް 2025އެމްސީބީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް ހުސެއިން
މިހާރު ކުރިއަށްދާ "އިންޓަ އޮފީސް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަން ގުރޫޕް އޭގައި މިރޭ މޮރިޝަސް ކޮމާޝަލް ބެންކް (އެމްސީބީ) އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (ޓްރާންސްޕޯޓް މިނިސްޓްރީ) ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ޓްރާންސްޕޯޓް މިނިސްޓްރީ އިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި އެމްސީބީ ކުޅުނު ފުރަތަމަ މެޗުގައި ވިލާ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު. ޓްރާންސްޕޯޓް މިނިސްޓްރީގެ ފުރަތަމަ މެޗުގައި ކަސްޓަމްސް އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 11-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓްރާންސްޕޯޓް މިނިސްޓްރީ އިންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޓްރާންސްޕޯޓް މިނިސްޓްރީ އިން މިސެޓް ކާމިޔާބުކުރީ ދެލަނޑުގެ ލީޑަކާއެކު 4-2 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އައުޝާ ނޫރުލް ސޮބާހް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އެމްސީބީ ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
23 ޖޫން 2025 އިން 3 ޖުލައި 2025 ގެ ނިޔަލަށް ، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު 12 ޓީމަކުން ބައިވެރިވެފައިވާއިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ވަން ގޭމް ގުޅިގެން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް، ތުޅާދޫ ޔަންގް އީގަލްސް ކުލަބު އަދި ބޮޓެނިކަލް ގާޑަން ހިމެނޭއިރު، މުބާރާތުގެ ގޯލްޑް ސްޕޮންސަރއަކަށް ކޯޓަޔާޑް ގެސްޓްހައުސް އަދި ސިލްވާ ސްޕޮންސަރ އަކަށް އޮން ޕްލަސް ނެކްސޯރ ވަނީ ހަމަޖައްސާފައެވެ.
މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކަށް ރީލޯޑް ބައި ކެއަރޕްލަސް ހަމަޖައްސާފައިވާއިރު، ހައިޑްރޭޝަން ޕާޓްނަރަކީ ބޮން އަކުއާ މޯލްޑިވްސް އެވެ.
މީގެ އިތުރުން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ. އަދި ކްލީން ޕާޓްނަރއަކަށް ވެމްކޯ ހަމަޖައްސާފައިވާއިރު، އެންޓަރޓެއިންމަންޓް ޕާޓްނަރަކީ ކަންނެއީ ބާ އެވެ. އަދި ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި މޫކައި ހޮޓެލްސް އަދި ޑަޔާނާ ޓްރޭޑިންގ ހަމަޖައްސާފައިވާއިރު، ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީ އެވެ. އަދި އޮފިޝަލް ޑީޖޭ ޕާޓްނަރަކީ ޑީޖޭ މައުއްޓެ އެވެ.