
-
ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން 3 ވަނަ ގްރޫޕުގެ ހައްޖުވެރިން އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.

މިފަހަރު ހައްޖުގެ އަޅުކަމަށް ސައުދީޢަށް ދިޔަ ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ.
އެގޮތުން ޙައްޖުވެރިންގެ ތިން ވަނަ ފްލައިޓު މިއަދު މެންދުރު ވަނީ ރާއްޖެ އައިސްފައެވެ. ދިވެހި ޙައްޖުވެރިންގެ ތިން ވަނަ ގްރޫޕުވެސް ރާއްޖެ އައިސްފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ.
ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕު މިމަހުގެ 13 ވަނަ ރާއްޖެ އައި އިރު ދެވަނަ ގްރޫޕުގެ ހައްޖުވެރިން އައީ މި މަހުގެ 14 ވަނަ ދުވަހު އެވެ.އަދި ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު އަހަރެކެވެ. އެގޮތުން ޙައްޖުވެރިން މިފަހަރު ސަޢުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޘިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާއެކުގައެވެ. މީގެ އިތުރުން މިނާ ފޭލިގެތަކުގެ ކެޓެގަރީ ބީ ކެޓެގަރީއަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރު މަތިކުރެވުނު އިރު ޢަރަފާތުގެ އިންތިޒާމްތައްވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ ބޮޑުތަނުން ރަނގަޅު ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.