
އިސްރާއީލުން މިރޭ ޔަމަނަށް ދިން ހަމަލާ އަމާޒުކުރީ ހޫތީންގެ ޗީފް އޮފް ސްޓާފަށް: އަވަހާރަވިކަމެއް އަދި ކަށަވަރެއް ނޫން!
# ހޫތީން - އިސްރާއީލް-
މިރޭ އިސްރާއީލުން ޔަމަނަށް ދިން ހަމަލާ އަމާޒުކުރީ ހޫތީންގެ ޗީފް އޮފް ސްޓާފް އަބްދުލް ކަރީމް އަލް ގައްމާރީ އަށް ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އިސްރާއީލުން މިރޭ ހަމަލާދިނީ ޔަަމަނުގައި ސަނާގައި ހޫތީންގެ އިސް އޮފިޝަލުންގެ ބައްދަލުވުމެއް ކުރިޔަށް ދިޔަ ތަނަކަށް އަމާޒުކޮށެވެ.
މި ހަމަލާގެ ސީދާ އަމާޒަކީ ހޫތީންގެ ޗީފް އޮފް ސްޓާފް އަބްދުލް ކަރީމް އަލް ގައްމާރީ ކަމަށްވާއިރު އަދި މިހާތަނަށް އޭނާ އަވަހާރަވިކަމެއް ކަށަވަރެއް ނުވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ރޭޑިއޯއިން ބުނަމުން ދަނީ މިރޭ ސަނާއަށް ދިން ހަމަލާގެ އަމާޒަކީ ހޫތީ ލަޝްކަރުގެ އިސް އޮފިޝަލަކު އަވަހާރަކޮށްލުން ކަމަށެވެ. އަދި މިޝަންގެ ނަތީޖާ ތައް މިހާރު އިވެލުއޭޓް ކުރަމުން އަންނަ ކަމަށެވެ. އިޒްރޭލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ވެސް ވަނީ އިޒްރޭލުގެ ވައިގެ ސިފައިން ޔަމަނުގެ އަމާޒުތަކަށް ހަމަލާދެމުން އަންނަ ކަމަށާއި މި އޮޕަރޭޝަން ކާމިޔާބުވެއްޖެ ނަމަ އެއީ ވަރަށް ފާހަގަކޮށްލެވޭނެ ކުރިއެރުމެއް ކަމަށް ބުނަމުންނެވެ.
ޔަމަނަށް ދިން ހަމަލާ އާއި އެއްވަގުތެއްގައި އިސްރާއީލުން ވަނީ ތެހެރާނުގެ މުހިންމު ތަނަކަށްވެސް އެފަދަ ހަމަލާއެއް ދީފައި އެވެ. އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކުރާގޮތުގައި މިރޭ އިސްރާއީލުން ވަނީ ތެހެރާނުގައި "އެސަސިނޭޝަން" އޮަޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި އެވެ. އަދި މި އޮޕަރޭޝަންގެ ސީދާ ނަތީޖާ އަދި ކަށަވަރުވެފައި ނުވި ނަމަވެސް މި އޮޕަރޭޝަން ކާމިޔާބު ވެއްޖެ ނަމަ އެއީ އިރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ލިބޭނެ އެންމެ ބޮޑު ކުރިއެރުން ކަމަށް ވަނީ ބުނެފައި އެވެ.
މިއާއި އެކު އިސްރާއީލު އަސްކަރިއްޔާއިން އިޝާރާތް ކުރި "އެސަސިނޭޝަން" އޮަޕަރޭޝަނަކީ އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ އަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް އިސްރާއީލުގެ އަސްކަރީ މަސްދަރަކާއި ހަވާލާދީ އިސްރާއީލުގެ ބައެއް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.