
-
ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީންގެ އިސް އޮފިޝަލުންތަކަކަށް އަމާޒުކޮށް ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާއިން ހަމަލާއެއް ދީފި އެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ޗެނަލް 12 އިން ރިޕޯޓުކުރާ ގޮތުގައި ޔަމަނުގެ ސަނާގައި ހޫތީންގެ އިސް ކޮމާންޑަރުންތަކެއް ޚާއްސަ ބައްދަލުވުމެއް ކުރިޔަށް ދަނިކޮށް އެތަނަށް އިސްރާއީލު އަސްކަރިއްޔާއިން މީގެ އިރުކޮޅެއް ކުރީން ވަނީ ހަމަލާދީފައި އެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ރޭޑިއޯއިން ބުނަމުން ދަނީ މި މިޝަންގެ އަމާޒަކީ ހޫތީ ލަޝްކަރުގެ އިސް އޮފިޝަލަކު އަވަހާރަކޮށްލުން ކަމަށެވެ. އަދި މިޝަންގެ ނަތީޖާ ތައް މިހާރު އިވެލުއޭޓް ކުރަމުން އަންނަ ކަމަށެވެ.
އިޒްރޭލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ވެސް ވަނީ އިޒްރޭލުގެ ވައިގެ ސިފައިން ޔަމަނުގެ އަމާޒުތަކަށް ހަމަލާދެމުން އަންނަ ކަމަށާއި މި އޮޕަރޭޝަން ކާމިޔާބުވެއްޖެ ނަމަ އެއީ ވަރަށް ފާހަގަކޮށްލެވޭނެ ކުރިއެރުމެއް ކަމަށް ބުނަމުންނެވެ.
ޔަމަނަށް ދިން ހަމަލާ އާއި އެއްވަގުތެއްގައި އިސްރާއީލުން ވަނީ ތެހެރާނުގެ މުހިންމު ތަނަކަށްވެސް އެފަދަ ހަމަލާއެއް ދީފައި އެވެ. އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކުރާގޮތުގައި މިރޭ އިސްރާއީލުން ވަނީ ތެހެރާނުގައި "އެސަސިނޭޝަން" އޮަޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި އެވެ. އަދި މި އޮޕަރޭޝަންގެ ސީދާ ނަތީޖާ އަދި ކަށަވަރުވެފައި ނުވި ނަމަވެސް މި އޮޕަރޭޝަން ކާމިޔާބު ވެއްޖެ ނަމަ އެއީ އިރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ލިބޭނެ އެންމެ ބޮޑު ކުރިއެރުން ކަމަށް ވަނީ ބުނެފައި އެވެ.
މިއާއި އެކު އިސްރާއީލު އަސްކަރިއްޔާއިން އިޝާރާތް ކުރި "އެސަސިނޭޝަން" އޮަޕަރޭޝަނަކީ އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ އަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް އިސްރާއީލުގެ އަސްކަރީ މަސްދަރަކާއި ހަވާލާދީ އިސްރާއީލުގެ ބައެއް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.