
--
ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ ‘CC’ ގައި ދަމަހައްޓައިފިއެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަމާއި، ފައިސާއާ ގުޅޭ އިސްލާހުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވުމާއި، އިންޑިއާގެ ރިޒަރވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމުގެ ސަބަބުންނެވެ.
ފަތުރުވެރިކަމަކީ މައިގަނޑު އެއް ދާއިރާކަމަށްވާއިރު، 10 ޖޫން 2025 ގެ ނިޔަލަށް ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް 9.4 އިންސައްތަ އިތުރުވެފައިވެއެވެ. މިއީ 2025 ވަނަ އަހަރަށް ފިޗްއިން ލަފާކުރާ ޤައުމީ އުފެއްދުންތެރިކަމުގެ ކުރިއެރުން (ޖީ.ޑީ.ޕީ.) ގެ ކުރިއެރުން ކަމުގައިވާ 4.8 އިންސައްތައަށް ބާރުއަޅާ ކަމެކެވެ. މި އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަން ފެށުމާއެކު، ސަރުކާރުން 2026 ވަނަ އަހަރު ޖީ.ޑީ.ޕީ.ގެ ކުރިއެރުން 6.0 އިންސައްތައަށް އަރާނެކަމަށް ލަފާކުރެއެވެ.
05 ޖޫން 2025 އާ ހަމައަށް، އޯވަރޯލް ފިސްކަލް ސަރޕްލަސް ހުރީ 1.1 ބިލިއަން ރުފިޔާގައެވެ. މިއީ އާމްދަނީ ރަނގަޅުވެ، ހަރުދަނާ ބަޖެޓު ކޮންޓްރޯލްތަކެއްގެ ތެރެއިން ޚަރަދުތައް އެކަށީގެންވާ މިންވަރަކަށް ގެނައުމުގެ ސަބަބުންނެވެ. އެއަރޕޯޓް ޓެކުހާއި ފީތައް، ގްރީން ޓެކްސް އަދި އިމްޕޯޓް ޑިއުޓީގެ ރޭޓުތައް މުރާޖަޢާކުރުން ފަދަ އާމްދަނީގެ އައު ސިޔާސަތުތަކުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ހިމެނޭގޮތަށް، އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.
މީގެ އިތުރުން، މިހާތަނަށް ތަންފީޒުކޮށްފައިވާ އަދި ކުރުމަށް ރާވާފައިވާ އިސްލާހީ ފިޔަވަޅުތަކާއެކު، އުފެއްދުންތެރިކަން އިތުރުވެ، އިންވެސްޓްމަންޓް މާޙައުލު ހަރުދަނާވެ، ސަރުކާރުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގެ ދަށުން ޖީޑީޕީއާ އަޅާބަލާއިރު ދައުލަތުގެ ދަރަނި ދަށަށް ދިއުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
ބޭރު ފައިސާއާ ގުޅޭ ޤާނޫނުގެ ދަށުން ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލާޒިމުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވާކަން މި ރޭޓިންގ އެކްޝަނުން ދައްކައިދެއެވެ. މި ފައިސާގެ އިސްލާހުތަކުގެ ސަބަބުން، އޭޕްރީލް 2025 ގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒަރވް 856.3 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. އަދި މެދުރާސްތާގައި ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވާނެކަމަށް ބެލެވެއެވެ.