logoEN
Sto top
މޫޑިސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓީންގ ސީއޭއޭ2 އަށް ދަށްކޮށްފި

މޫޑިސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓީންގ ސީއޭއޭ2 އަށް ދަށްކޮށްފި

އަހުމަދު ޝުރާއު

logo

9/11/2024, 11:24:45 AM

# ރާއްޖޭގެ މާލީ ހާލަތު

--

ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓީންގ ސީއޭއޭ1 އިން ސީއޭއޭ2 އަށް ދަށްކޮށްފި އެވެ.

Wamco

މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ. އެގޮތުން ރާއްޖޭގެ ރޭޓީންގ މޫޑިސް އިން އެންމެ ފަހުން ދަށްކުރީ 2021 ވަނަ އަހަރުގެ އޮގަސްޓުގައި އެވެ. އޭގެ ފަހުން ފާއިތުވި 3 އަހަރުވެސް ކްރިޑިޓް ރޭޓިން ހުރީ ސީއޭއޭ1 ގައި އެވެ. މިއަހަރުގެ ޖޫން މަހު މޫޑިސްއިން ނެރުނު ރިވިއުގައި ވެސް ރާއްޖޭގެ ރޭޓިންގ ހުރީ ސީއޭއޭ1 ގައި އެވެ.

ރޭޓިންގ ދަށްކުރި ސަބަބެއް ކަމަށް މޫޑިސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ރާއްޖެއިން ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށް 2025 ވަނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ހިމެނޭގޮތުން، ބޭރުގެ ދަރަނީގެ ސްޓޮކް އިތުރުވެފައިވުމެވެ. އަދި ނިމިދިޔަ ސަރުކާރުން ޗާޕުކޮށްފައިވާ 8 ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވެ ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މޫޑިސްގައި އިތުރަށް ފާހަގަކޮށްފައިވަނީ މިދިޔަ މަހު ރާއްޖޭގެ ރޭޓިން ސީސީސީ އިން ސީސީއަށް ބަދަލުކުރި ފިޗްގެ ރިޕޯޓްގައިވެސް ފާހަގަކޮށްފައި ހުރި ކަންކަމެވެ. ރާއްޖެއަށް ދީފައިވާ ރޭޓިންގ މޫޑީސްއިން ބަދަލުކުރި އިރު، ސަރުކާރުން މިހާރުވެސް ދަނީ ރިޕޯޓްގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލައި އަދި ދައުލަތަށް ގެއްލުންވަމުންދާ ކުންފުނިތައް އުވާލުމުގެ މަސައްކަތްވަނީ ފަށާފައެވެ.

މީގެ އިތުރުން، މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީޤް ވަނީ ސަރުކާރުން ލަފާކުރި ލަފާންކުރުންތަކަށް ވުރެ ރިޒާވުގެ އަދަދު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝަދާއާއި އެއްގޮތަށް ގެންނަ އިސްލާހީ ފިޔަވަޅުތަކާއި އެކު ރާއްޖޭގެ އިޤްތިސާދަށް ރަނގަޅު ބަދަލެއް ގެނެވި ރާއްޖޭގެ ރިޒާވްގެ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ވަޒީރު ލަފާކުރައްވައެވެ. ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ މިދިޔަ މަސް ނިމުނުއިރު އިތުރުވެފައެވެ. އެގޮތުން ޖުމްލަ ރިޒާވް ވަނީ މިދިޔަ މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އަރާފައެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވް މިދިޔަ މަސް ނިމުނުއިރު ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

އެމްއެމްއޭއިން އާންމުކުރި ތާފާސްހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރުގެ ނޮވެންބަރު މަސް ނިމުނު އިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން އެކައުންޓްގައި ހުރީ 5 މިލިއަން ޑޮލަރުގެ އަދަދު މިހާރު ވަނީ 65 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭއިން ހާމަކުރަނީ ސޮވަރިން ޑިވެލޮޕްމަންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިއުމެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މާލީ ވުޒާރާއާއި އެމްއެމްއޭއާ ގުޅިގެން އެކުވެރި ދައުލަތަކާއެކު ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންވެ.

މީގެ އިތުރުންވެސް ސަރުކާރުގެ ޚަރަދުކުޑަކުރުމަށްޓަކައި ފިސްކަލް ޕޮލިސީއެއް އެކުލަވައިލާ ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ހާމަކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside