
ހުޅުލޭގައި ހުންނަ ވެދާ ރާޑަރު - ފޮޓޯ | ޕީއެސްއެމް
އައްޑޫގައި ވެދާ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާ ،ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަށް ކުރެވޭ އުންމީދެއް ކަމަށެވެ.
ވެދަރ ރޭޑަރތައް ބެހެއްޓިގެން ދިޔުމާއިއެކު ވެދަރ ފޯކާސްޓް ކުރުމާއި އެލަރޓް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ މޫސުމާއި ބެހޭ އިދާރާގެ މަސައްކަތަކީ މުޅި ރާއްޖޭގެ ތަރައްޤީއަށް އަދި އާންމު ރައްޔިތުންގެ ދިިރިއުޅުމަށް ވަރަށް ބޮޑު ގުޅުމެއް ވާ މަސައްކަތްތަކެއް ކަމަށެވެ.
ވެދަރ ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރެވޭ އެންމެފަހުގެ ޓެކްނޮލޮޖީއެވެ. ހުޅުލޭގައި ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެއެވެ.
އައްޑޫ ސިޓީގައި މިވަގުތު ހުންނަނީ މޫސުން ބަލާ އޮބްޒަވެޓްރީއެކެވެ. މޫސުމާއި ބެހޭ އިދާރާގެ އޮބްޒަވޭޓަރީތައް ދެން ހުންނަނީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ އަދި ގދ. ކާޑެއްދޫ ގައެވެ. ވަހީދު ރޭ ވިދާޅުވީ އެރަށްތަކުގެ އިތުރުން ނ.މާފަރުގައިި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ޤާއިމްކޮށް އޮބްޒަވޭޓަރީތަކުގެ އަދަދު 6 އަށް އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އޮބްޒަވީތަކުގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޮމޭޓެޑް ވެދާ ސްޓޭޝަންތަކުގެ އިތުރުން ދިޔަވަރު ބަލާ ސްޓޭޝަންތައްވެސް ހުރެއެވެ.