
މޫސުމީ ނޭދެވޭ ބަދަލުތަކަށް ވިލުންތެރިކަން ހޯދެން އޮތީ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރެވިގެން - ރައީސް
# ރައީސް މުއިއްޒު--
މޫސުމީ ނޭދެވޭ ބަދަލުތަކަށް ވިލުންތެރިކަން ހޯދެން އޮތީ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރެވިގެން ކަމަށާއި، މި އަމާޒަށް ވާޞިލުވުމަށްޓަކައި ދިވެހިރާއްޖެއިން މިހާރުވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައި ވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކަނޑުތައް ޙިމާޔަތް ކުރަންޖެހޭކަން އެއީ، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން ގަބޫލުކުރާ ހަގީގަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ކަނޑުތަކަކީ ދިވެހި ޤައުމު ރައްކާތެރިކަމާއެކު ދެމިއޮތުމުގެ މުހިން މަސްދަރެއް ކަމަށާ، ދިވެހި އިޤްތިޞާދުގެ ހަކަތައަކީވެސް އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހި ޘަޤާފަތް ބައްޓަންކުރުމުގެ އިތުރަށް، ދިވެހިވަންތަކަމުގެ ބިންގަލަކީވެސް ދިވެހި ކަނޑުތައްކަން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސިފަކުރައްވާފައިވެއެވެ.
މި ހުރިހާ ކަމެއް މިހެން އޮތް އިރު، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހިރާސްތަކުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުވާލެއްވިއެވެ. މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އުފުލި، ފަރުތަކުގެ މުރަކަތައް ހަލާކުވެ، ގައު ހުދުވުމުގެ އިތުރަށް، މަސްއައިންތަކުގެ ހިޖުރައިގެ އުސްލޫބަށްވެސް ބަދަލު އަންނަކަން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެ ފަދަ ޤައުމަކަށް، މިކަންކަމަކީ މިހާރުން މިހާރަށް ސަމާލުކަން ދޭންޖެހޭ، އިޤްތިޞާދީ ޙަޤީޤަތްތަކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.
ކަނޑުތައް ޙިމާޔަތް ކުރުމަށްޓަކައި ދިވެހިރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން މުރަކައިގެ ދިރުންތައް ރައްކާތެރިކޮށް އާލާ ކުރުމަށް ހިންގާ ހަރަކާތްތަކާއި، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތު ކުރުމަކީ މި މޭރުމުން ދިވެހިރާއްޖެއިން އަޅަމުންދާ ބައެއް ފިޔަވަޅުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތީ ސައިންސާއި، އިޔާދަކުރަނިވި ހަކަތައިގެ ރޮނގުން އައު ފުރުޞަތުތައް ފަހިކޮށް، މަސްވެރިކަން ކުރިއަރުވައި، ކަނޑުތަކުން ލިބެން ހުރި ނިޢުމަތްތައް ދެނެގަތުމުގެ އީޖާދީ މަސައްކަތްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އެގޮތުން، ދިރާސާކޮށް ޓެކްނޮލޮޖީގެ އަލީގައި، މީގެ ކުރިން އެއްވެސް އަގެއް ނެތި ކުނީގެ ގޮތުގައި އުކާލަމުން އައި ތަކެތިން އައު ތަކެތި އުފެއްދުމުގެ ދާއިރާގައި ވުނަކުރުމާއި، ރާއްޖޭގައި ފަރުމާކޮށް އުފެއްދިދާނެ ތަކެއްޗާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ، އޮޓޯމޭޝަންގެ ދާއިރާގައި ވުނަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަޢުދުވެވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ކޮންމެމީހަކީވެސް ކަނޑުތައް ހިމާޔަތްކޮށް، ކަނޑުތަކާބެހޭ މައުލޫމާތު އެނގޭ މީހަކަށް ވުމަށް ގޮވާލައްވަމުންނެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައިވެސް ޕޯސްޓެއް ޙިއްޞާ ކުރައްވާފައިއެވެ.
ގުޅުންހުރި

ސައުދީގެ ހައްޖުގެ ކަންކަމާއި ބެހޭ ވަޒީރާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

މޫސުމީ ނޭދެވޭ ބަދަލުތަކަށް ވިލުންތެރިކަން ހޯދެން އޮތީ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރެވިގެން - ރައީސް

ސައުދީގެ ވަލީއަހުދު ، ރައީސް މުއިއްޒު އާއި ބައްދަލުކުރައްވައިފި
