
ފޯރިގަދަ އީދަކަށް ހުޅުމާލެވެސް ތައްޔާރު: އީދު ވެދުމާ ދިޔުމާއި އީދު ހުޅު ރޯކުރުން މިރޭ!
# ހުޅުމާލެ# ބޮޑު އީދު-
މިއަހަރުގެ ބޮޑު އީދަށް ހުޅުމާލޭގައިވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ނިންމައި މިރޭ އީދުގެ ހަރަކާތްތައް ރަސްމީކޮށް ފަށާނެ ކަމަށެވެ. އެގޮތުން އީދުގެ ހަރަކާތްތައް ފެށުމަށްޓަކައި އީދު ވެދުމާ ދިޔުން، އީދު ހުޅު ރޯކުރުމާއި ބޮޑުބެރު މިރޭ އޮންނާނެ އެވެ. މި ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 1 20:30 ގައި އަދި ހުޅުމާލެ 2 ގެ ޗެނަލް ބީޗް 21:00 ގައެވެ.
އެއަށްފަހު މާދަމާ އީދުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ވެސް ކުރިޔަށްގެންދިޔުމުގެ ތައްޔީރީތައް ދަނީ ކުރަމުންނެވެ.
މާދަމާ އީދު ނަމާދަށްފަހު އުލްހިޔާ ކަތިލުން އަދި އީދު ބޮނޑިބަތް ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ. އަދި މާދަމާ ހަވީރު 16:00 އިން 17:30 އަށް، ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ވޯޓާ ސްޕޯޓްސް އިވެންޓެއް ކުރިޔަށް ގެންދިޔުމަށް ވެސް ވަނީ ނިންމާފައި އެވެ.
އެޗްޑީސީން ވަނީ މިއަހަރު މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާ ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގައިވެސް ބައިވެރިވެފައި އެވެ. އެގޮތުން ޖޫން 06 - ޖޫން 08 އާއި ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކު އަދި ހިޔާ ޕާކު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ކުރިޔަށް ގެންދިޔުމަށް ވެސް ވަނީ ތައްޔާރުވެފައި އެވެ.
ގުޅުންހުރި

ލ ގަމުގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވަޒީރު ޢާއިޝަތު ޝިހާމް!

ފޯރިގަދަ އީދަކަށް ހުޅުމާލެވެސް ތައްޔާރު: އީދު ވެދުމާ ދިޔުމާއި އީދު ހުޅު ރޯކުރުން މިރޭ!

ހުޅުމާލޭގެ ރަމްޒަކަށް 100 މީޓަރުގެ އައިކޯނިކް ޓަވަރެއް އަޅަނީ
